ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ގެ މަޤާމު ގެއްލިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

މިމައްސަލަ ފަސްކޮށްފައި މިވަނީ އަންނަ ބުރާސްފަތިދުވަހަށް މިމައްސަލަ ތާވަލުކުރުމަށް ފަހުގައެވެ. ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ހަލީމް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން ފަސްކޮށްފައިވަނީ މެމްބަރު ޔަޢުޤޫބު އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ. ސިވިލް ކޯޓުން މިހާރު އަލުން މައްސަލަ ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށެވެ.

ދާންދޫ ދާއިރާގެ ގޮނޑިއާ ގުޅޭ ގޮތުން ސުވާލު އުފެދުމަށް މެދުވެރިވީ ޗާޓަޑް އެކައުންޓެންޓުގެ ޤާނޫނުން ވުޖޫދުކުރި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ޔަޢުޤޫބު ހަވާލުވެވަޑައިގެންނެވުމާ ގުޅިގެންނެވެ. މި އިންސްޓިޓިއުޓަކީ އަމިއްލައަށް ދައުވާކުރުމުގެ ބާރު ލިބިފައިވާ މުސްތަޤިއްލު ޤާނޫނީ ޝަޚުޞެކެވެ.

ކައުންސިލުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއެކު ޔަޢުޤޫބުގެ ގޮނޑިއާމެދު ސުވާލުއުފެދުމުން އޭނާވަނީ ޖެހިގެންއައި ދުވަހު ކައުންސިލުން އިސްތިއުފާދެއްވާފައެވެ. ޔަޢުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމުގައި ކަނޑައެޅުމަށް ހަލީމް ހުށަހެޅުއްވި މައްސަލާގައި ހަވާލާދެއްވާފައިވަނީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)އާއެވެ. އެ މާއްދާގައި ބުނެފައިވަނީ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ނޫން ދައުލަތުގެ އިތުރު ވަޒީފާއެއް މަޖިލިހުގެ މެންބަރު އަދާކޮށްގެން ނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން