އެމްޑީޕީގެ މުޒާހަރާ
އެމްޑީޕީގެ މުޒާހަރާ
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު މާލޭގެ މަގުތަކަށް ނުކުމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައި ބޮޑު މުޒާހަރާއަކަށް ނުކުމެއްޖެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހަރަކާތް ކުރިއަށްދިޔައީ މާލޭގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ޗާންދަނީ މަގު ސަރަހައްދުގައެވެ.

މި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ގައުމުގެ އިގްތިސާދީ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އަޑުއުފުލާފައެވެ.





އެމް.ޑީ.ޕީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވި މި އެއްވުމުގައި، ރައީސް މުޢިއްޒު ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވެއެވެ. މުޒާހަރާގެ ސަބަބުން ޗާންދަނީ މަގާއި މަޖީދީމަގު ގުޅުނު ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ފުލުހުން ދިޔައީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މިރޭ މާލޭގައި ބޭއްވި މުޒާހަރާގައި، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ގޮވާލައި 12 މައިގަނޑު ހުށަހެޅުމެއް (ޑިމާންޑެއް) ސަރުކާރަށް ހުށަހަޅާފައެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި މުސްތަގިއްލު މުއައްސަސާތަކުގެ ބާރުވެރިކަން އަލުން އިއާދަކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ.

އެމްޑީޕީގެ އެންމެ އިސް އެއް ހުށަހެޅުމަކީ، މުސްތަގިއްލު މުއައްސަސާތަކުގެ އިސްވެރިން އައްޔަންކުރުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު އުވާލައި، އެ އިހުތިޔާރު އަލުން ރައްޔިތުންގެ މަޖިލީހަށް ދިނުމެވެ. މީގެ އިތުރުން، މަޖިލިސް މެންބަރުންގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ހުރި އެންޓި-ޑިފެކްޝަން ގާނޫނުގެ މާއްދާތައް ބާތިލުކުރުމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިފައިވާ އިދާރީ އަދި މާލީ ބާރުތައް ހަނިނުކުރުމަށްވެސް އެ ޕާޓީން ވަނީ ބާރުއަޅާފައެވެ.

އިގްތިސޯދީ ދާއިރާއިން ބަލާއިރު، ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށާއި، މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ ސީދާ އަދަދު ހާމަކުރުމަށާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރެއިން ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް އޮތް އޮތުން އިސްލާހުކުރުމަށްވެސް އެދިފައިވެއެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން، އިންތިހާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް މީހުން ވަދެގަތުމާއި، ގަވާއިދާ ހިލާފަށް ގޯތި ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް އަވަހަށް ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޖޭއެސްސީ އިސްލާހުކުރުމާއި، އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމުގެ އިތުރުން، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭ ހާއްސަ ކޮމިޓީއެއްގެ މަޝްވަރާ ހޯދުމަށްވެސް އެ ޕާޓީގެ ޑިމާންޑުތަކުގެ ހިމެނެއެވެ.

އެމްޑީޕީގެ އިތުރުން ޕީއެންއެފްގެ މެންބަރުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، ސިލްސިލާ މުޒާހަރާތަކެއް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު