ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަކީ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވާ ދިގު ރާސްތާގެ މަސައްކަތަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިމަޝްރުޢޫގެ ސަބަބުން މިސަރަޙައްދުގެ ރަށްތަކަށްވެސް ބޮޑެތި ފައިދާތަކެއްކޮށް، އިޤްތިޞާދީ ހަބެއްގެ ގޮތުގައި މާލެ ސަރަޙައްދު އޮންނަ އޮތުމަށް އިތުރު ވަރުގަދަކަމެއް ލިބިގެންދާނެކަމަށެވެ.



މެމްބަރު ޝަރީފް ކުރެއްވި ޓްވީޓުގައި އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަކީ މިވަގުތު ކޮންމެހެންވެސް މުހިއްމުކަމެއްކަމަށާއި، މާލެ ސަރަޙައްދާއި ރާއްޖޭގެ އެހެން ސަރަޙައްދުތައް ދަތުރުފަތުރުގެ ނިޒާމްތަކުން ގުޅާލުމަކީވެސް ކޮންމެހެންވެސް މުހިއްމު މަސައްކަތެއްކަމަށެވެ. އަދި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދާނޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.



ޝަރީފްގެ ޓްވީޓްގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް އިންޑިއާއިން ދިން ލޯނުގެ އެހީއަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާގެ އެގްޒިމް ބެންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް ހަމަޖެހުނުއިރު، މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭއެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން އަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގައި ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން