އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިޚާބުގެ ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވާނެ
އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިޚާބުގެ ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވާނެ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) ބޭއްވުމަށް ހަމަޖެހިފައިވާ އުޅޭ އެޕާޓީގެ ޗެއާޕަރސަން ހޮވުމުގެ އިންތިޚާބުގެ ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވާނެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ފޯރިގަދަ ހަރަކާތްތަކަކަށް ވާއިރު، މިފަހަރުގެ އިންތިޚާބަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އަދި ކަނޑަނޭޅި ނަމަވެސް، ކެންޑިޑޭޓުން ދަނީ މިހާރުވެސް ތާއީދު ހޯއްދެވުމަށްޓަކައި ވަރަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ސޯޝަލް މީޑިއާ އާއި އެކި ބައްދަލުވުންތައް މެދުވެރިކޮށް ޕާޓީގެ މެންބަރުންގެ ރުހުން ހޯދުމުގެ ހަރަކާތްތައް ވަނީ ފަށާފައެވެ. މި ބޭފުޅުންގެ މެދުގައި އޮތް ފިކުރީ ތަފާތުތަކާއި ޕާޓީ ހިންގުމުގެ ތަސައްވުރުތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕޭންގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މި އިންތިޚާބާ މެދު ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާއިރު، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ އިންތިޚާބު ބާއްވާނެ ރަސްމީ ތާރީޚެއް އިއުލާން ކުރާނެ ވަގުތަކަށެވެ.

އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އާ ލީޑަރޝިޕެއް އިންތިޚާބު ކުރުމަކީ ޕާޓީގެ މެންބަރުންނަށް މުހިންމު ކަމެކެވެ.

އެހެންކަމުން، މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވެސް ބޮޑު ބަދަލުތަކެއް އަތުވެދާނެ ފަދަ މުހިންމު އިންތިހާބަށް ވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު