މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނުނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހަށް އެޖެންޑާކޮށް، އެ ބިލްގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނުނޫނުއަސާސީ އަށް ހުށަހެޅި ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފައެވެ. މަޖިލިހުގެ ގަވައިދުގައި ބުނާގޮތުން ވަކި މުއްދަތެއް ދިނުމަށް ފަހު ދެން އޮންނާނީ އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ބަހުސް ކުރިއަށް ގެންދިޔުމެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގާނޫނު އަސާސީ އަށް އިސްލާހު ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ. ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ހުށައެޅުއްވި ބިލްގައި ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި އަދި އޭގެ ސަބަބުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ތަކުރާރުކޮށް ވަނީ އެމަނިކުފާނު ތާއީދު ކުރަށްވާ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަން ހާމަކުރައްވާފައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖާބިރު އިސްލާހު ހުށަހެޅުއްވުމުން ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ އެ އިސްލާހު އޮތީ އެދިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި މިއީ ނިޒާމު ބަދަލުކުރުމުގެ ބަހުސް ފަށަންރަނގަޅު ވަގުތު ވެސް ނޫން ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަމުގެ މަސައްކަތުގެ ތެރޭގައި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ ހަމައަށް އައުމުން، 2007 ގައި އެކަމާ ބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެން ވޯޓެއް ވަނީ ނަގާފައެވެ. އެ ފަހަރުގެ ވޯޓުގައި ގިނަ ބައެއްގެ އަޣުލަބިއްޔަތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައެވެ. ނިޒާމީ ވޯޓުގައި އެމްޑީޕީން ތާއިދުކޮށްފައިވަނީ ބަރުލަމާނީ ނިޒާމެއް ބޭއްވުމަށެވެ. ސިޔާސީ އެހެން އިސް ޕާޓީތަކުން ތާއީދުކުރީ ރިޔާސީ ނިޒާމަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން