ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހަޅުއްވާ ބިލުތަކާއި އިސްލާހުތައް ބަލައިނުގަނެ ބޭރުކުރަމުންދާ ދިއުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަރުގަދަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

މެންބަރު މުހައްމަދު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ މެންބަރަކު އިސްލާހެއް ނުވަތަ ބިލެއް ހުށަހަޅާއިރަށް، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ވިސްނުންފުޅުގައި އޮތް ކަމެއް" ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީން ވާހަކަދައްކަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. ސަރުކާރުން އެއީ އެ ބޭފުޅުން ކުރަން ހުރި ކަންކަން ކަމަށް ބުނެ އުޒުރު ދައްކާއިރު، މަޖިލީހުގެ ސާފު މެޖޯރިޓީ އޮވެމެ އެ ކަންކަން ނުކުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"20 ވަނަ މަޖިލީހަށް 2 އަހަރު ވާން ގާތްވަނީއެވެ. ސަރުކާރުގެ ސާފު މެޖޯރިޓީގައި 75 މެންބަރުން އެބަތިއްބެވިއެވެ. ހުށަހަޅުއްވަންވީ ނޫންތޯއެވެ. ފާސްކުރައްވަންވީ ނޫންތޯއެވެ!!!" ކުޑޫ ވިދާޅުވިއެވެ.

ކުޑޫ މިހެން ވިދާޅުވެފައި މިވަނީ، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު، މީގެ ފަހުން ކުޑޫ ހުށަހަޅުއްވާ އެއްވެސް ކަމެއް ބަލައިނުގަނެ ބޭރުކޮށްލާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ކުޑޫ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުންތައް ހުށަހަޅަނީ ރައްޔިތުން އޭނާއާ މަތިކޮށްފައިވާ ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށެވެ. އަދި إن شاء الله އެ މަސައްކަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ލިޔެފައި އޮތް އެއްޗެއް ނުބަލައި، ކިތަންމެ ވަރަކަށް ދޮގުހެދިނަމަވެސް ހަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ. އިންތިހާބުތަކުގެ ނަތީޖާއިން ރައްޔިތުން ކަންކަމާއި މެދު ވިސްނާ ފިކުރު ކުރާކަން މިދަނީ ސާބިތުވެ ފެންނަމުންނެވެ،" ކުޑޫ ވިދާޅުވިއެވެ.

ކުޑޫ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާއިރު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުން، އިދިކޮޅު އެމްޑީޕީން ހުށަހަޅާ ގިނަ ބިލުތަކާއި ކުއްލި މައްސަލަތައް ބަލައިނުގަނެ ބޭރުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު