ޖޭއެސްސީގައި ރައީސް ނަޝީދު އިންނެވުމަކީ ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތްކަމަށާއި، އެއީ ރައީސް ޔާމީން އެދިވަޑައިގަންނަވާނެ ގޮތްކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވަމުންނެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އެމަނިކުފާނު އިންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތްކަމަށެވެ. އަދި އިންސާފުވެރިކަމާއެކު ރާއްޖޭގައި ޝަރީޢަތްތައް ނުކުރެވޭނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން ބޮޑުވާނެކަމަށާއި، އެމަނިކުފާނަކީ އެކަން އެންމެ ގާތުން ތަޖުރިބާކުރެއްވި ބޭފުޅާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއިއެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ. އަޅުގަނޑުމީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފަހުރި މީހެއް. އެންމެފަހަރަކު ދެފަހަރަކު ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިން ރައީސްކަން ކޮށްފައިވާ ބޭފުޅުން ގޯސްކޮށް ކަމެއްކޮށްފައި ވާނަމަ އެބޭފުޅަކަށް އަދަބު ލިބެންޖެހޭނެކަން ރައްޔިތުން ޤަބޫލުކުރާކަަމަށާއި، އެކަން އޮންނަންޖެހޭނެ ގޮތަކީވެސް އެއީކަމަށެވެ.

"އަޅުގަނޑު ޔަޤީންކަން އަރުވަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އެއޮތްގޮތަށް އޮތްހާ ހިނދު މިމަޖިލީހުގެ ރައީސްގެ ގޮތުގައި އަޅުގަނޑު ޖުޑީޝަލް ސާރވިސް ކޮމިޝަންގައި އިށީނދެ އިނދެ ކުރާ މަސައްކަތްކުރާނީ އިންސާފުވެރިކަމާ އަދުލުވެރިކަމާ އިޚްލާސްތެރިކަމާ އަދި މަދަދުވެރިކަމާއެކީގަ. އަނިޔާވެރިކަން ކުޑަކޮށްވެސް އިސްނުކޮށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވާތީ އެކަމަށް އިިދިކޮޅު ފަރާްތްތަކުން ފާޑުވިދާޅުވާއިރު، އެމްޑީޕީން ވެރިކަމަށް އައީ ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކުރުމުގެ ވައުދާއެކުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން