149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.

އޭސީސީން މި މައްސަލައިގެ ތަހުގީގު ނިންމައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީ އިން ބުނީ މައްސަލައާ ގުޅުން ހުރި 36 މީހެއްގެ ބަޔާން ނެގި އިރު، މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭސީސީގެ ބަޔާނުގައި ބުނާގޮތުން އެންމެ ބޮޑު މައްސަލައެއްގެ ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ.

އޭސީސީން ބުނީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީއަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށެވެ. މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ. އަދި އެ މަސައްކަތް އެގްޒެކިއުޓާސްއާ ހަވާލު ކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

އެ ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫން ކަމަށް ސިޓީގައި ބުނެފައިވާތީ އާއި، ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައިވަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން ބަލަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން އަމަލުކޮށްފައިނުވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އެހެންވެ، އޭސީސީން ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެމްބަރު ފާތުމަތު ލިމްޔާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށް އޭސީސީ އިން ބުނެ އެވެ.

އޭސީސީގެ ބަޔާނުގައި ވަނީ 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް ކަމާއި ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސްއާ ކުރި ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ އަސްލަމްކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އަސްލަމްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ޕްރޮކިއުމަންޓްގެ ކަންކަން ހިމެނިފައި ނެތްއިރު، ޕްރޮކިއުމަންޓްގެ ކަންކަން ކުރަމުންދާ ޔުނިޓާއި އެކަން ހަވާލުނުކޮށް، އަމަލީ ގޮތުން އެކަމުގައި އިސްކޮށް އުޅުނީ އަސްލަމް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ 75 ވެންޓިލޭޓަރާ ގުޅިގެން އެގްޒެކިއުޓާސް އަށް ދައްކަން ޖެހޭ 75 އިންސައްތަ ފައިސާ ދެއްކުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން ހުއްދަ ދިން އެއް ފަރާތުގެ ގޮތުގައި އަސްލަމް ސޮއިކޮށްފައިވާ އިރު، އެޑްވާންސްކޮށް ކޮންޓްރެކްޓުގެ އަގުގެ 90 އިންސައްތަ ދެއްކީ ދައުލަތުގެ މާލިއްޔަތުގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދައިގެން ނޫން ކަމަށެވެ.

އެހެންވެ، މި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ ޕްރޮސެސްގައި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަސްލަމް އިރުޝާދު ދީފައިވާ ކަން އެނގޭތީ އަސްލަމްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ (1) އާއި 311 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން