ރައީސް ނަޝީދާއި، ބޮޑުވަޒީރު މޯދީ
ރައީސް ނަޝީދާއި، ބޮޑުވަޒީރު މޯދީ
އިންޑިއާ ސަރުކާރުން ރާއްޖެއަށް 30 ބިލިއަން އިންޑިއަން ރޫޕީސްގެ އާ ފެސިލިޓީއެއް ހަމަޖައްސައިދިނުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާ އަށް ޝުކުރު އަދާކުރަށްވައިފިއެވެ.

މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، 23 އެޕްރީލް 2026 ގައި ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން މިހާރު ވަނީ ހަލާސްކޮށްފައި ކަމަށެވެ. އަދި ހަމަ އެ ދުވަހު އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން އިންޑިއަން ރޫޕީސްގެ އާ ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރައީސް ނަޝީދު ވިދާޅުވީ، ދަރަނި ދައްކަންޖެހޭ ދުވަހު އާ ފަންޑިންއެއް ހަމަޖެހިގެން ދިއުމަކީ ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކުގައި ގައުމުތަކުން އާންމުކޮށް "ސްވޮޕް ރޯލްއޯވަރ" ކުރާ ގޮތް ކަމަށެވެ. އަދި މިއީ ކުރީގެ ދަރަނި އާ ދަރަންޏަކުން ބަދަލުކުރުމުގެ އިގްތިސާދީ އުސޫލެކެވެ.

ނަމަވެސް، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާ ލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީ 30 އިންސައްތަ ދަށްވެފައިވާއިރު، ސަރުކާރުގެ ޚަރަދުތައް ހުރީ އިސްރާފުވާ މިންވަރަށް މަތީގައި ކަމަށެވެ. އެހެންކަމުން، ދަރަނި މެނޭޖްކުރުމުގެ ދެމެހެއްޓެނިވި ހަރުދަނާ ޕްލޭނެއް ސަރުކާރަށް މިވަގުތު މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު،ފޮރިން މިނިސްޓްރީން ރޭ ބުނީ، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދައްކައި ހަލާސްކުރުމަކީ ދިވެހި އިގްތިސާދު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ހާލަތުގެ ދުޅަހެޔޮކަން ޔަގީންކޮށްދޭ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާއިން ރާއްޖެއަށް އަލަށް ދޫކުރި 30 ބިލިއަން ރޫޕީސްގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ، މި ފެސިލިޓީގެ ދަށުން ރާއްޖެއަށް މާލީ ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު