ސްޕްރީމް ކޯޓް
ސްޕްރީމް ކޯޓް
ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައި ދިނުމުގެ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށާއި އެ އަދަދަށް ވާސިލްވި ގޮތެއް ވެސް ހުކުމުން އެނގެން ނެތް ކަމަށް ދައުލަތުން ސްޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމަށް ތާއިދުކޮށްފައެވެ. ސްޕްރީމް ކޯޓުން އެހުކުމަށް ތާއިދުކުރީ ހައި ކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވެފައި ވަނިކޮށް އަދި މަގްބޫލު އުޒުރެއް ވެސް ނެތި ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ސްޕްރީމް ކޯޓުގެ އެ ނިއްމުން މުރާޖައާކުރަން ދައުލަތުން ވަނީ މިހާރު ހުށައަޅާފައެވެ. އެމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށެވެ. އެކަމަކު އެއީ އޮޑިޓިންގެ އުސޫލުތަކަށް ނުފެތޭ ލިޔުމެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައި ދިނުމުގެ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށާއި އެ އަދަދަށް ވާސިލްވި ގޮތެއް ވެސް ހުކުމުން އެނގެން ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ބުނީ އާންމު މަސްލަހަތާ ގުޅުން ހުރި އެފަދަ މައްސަލައެއް މައުލޫއީ ގޮތުން ސުޕްރީމް ކޯޓުން ބެލުމެއް ނެތި، ސިވިލް ކޯޓުގެ ހުކުމް ކުރިން ދެމެހެއްޓީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފް ނުކުރެވުނީ ސިވިލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުން ކަމަށް ދައުލަތުން ބުނެއެވެ. އޭގެ ސަބަބުން އިސްތިއުނާފްގެ ހައްގު ދައުލަތަށް ގެއްލުނު ކަމަށާއި ހައި ކޯޓުން އޭރު އެ މައްސަލަ ބަލައިގަތީ އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އަދި ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން އެ ކޯޓަށް ލިބިގެންވާ އިހްތިޔާރުގެ ވެސް ދަށުން ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތަސް، މަގްބޫލު އުޒުރެއް އޮތް ނަމަ މައްސަލަ ބަލައިގަނެވިދާނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ކަން ފާހަގަކޮށް ދައުލަތުން ބުނެފައިވަނީ އެކަމަށް މަގްބޫލު ސަބަބުތަކަކީ ކޮބައިިކަން ދީބާޖާ މައްސަލައިގައި ނިންމި ނިންމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނެތް ކަމަށެވެ. އެހެންވުމުން ދީބާޖާގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި އޮތީ ރަނގަޅަށް ކަމަށް ދައުލަތުން ބުނެ އެވެ. އަދި ހައި ކޯޓުން މައްސަލަ ބަލައިގަތީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ މާޒީއަށް ގާނޫނު ނުހިންގުމުގެ ގާނޫނީ އުސޫލާ ޚިލާފަށް ކަމަށް ވެސް ދައުލަތުން  ވަނީ ބުނެފައެވެ.

ދީބާޖާގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް އެ ކޯޓަށް އަލުން ބެލޭނީ ކޮން ހަމައަކުން ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓުތަކަށް ބާރު ލިބެނީ ވަކި އިމެއްގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދައުލަތުން މިހާރު ވާހަކަ ދައްކަނީ ސުޕްރީމް ކޯޓުގައި ކުރިން ވާހަކަ ދެއްކި ގޮތާ ޚިލާފަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ނުކުރެވުނީ އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން ކަމަށާއި އެއީ އިސްތިއުނާފް ލަސްކުރަން މަގްބޫލު ސަބަބެއް ނޫން ކަމަށް އޭރު ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަސްވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް ދައުލަތުން އޭރު ސުޕްރީމް ކޯޓުގައި އެދިފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައުމުން ދީބާޖާއަށް ބަދަލު ދިނުމާ ބެހޭ ގޮތުން ކޯޓުން ބޭރުގައި ދައުލަތުން މަޝްވަރާކޮށް، ސެޓްލްމަންޓް ކޮމެޓީން ނިންމުމެއް ނިންމާފައި އޮތުމަކީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ވެސް ގަބޫލުކުރާ ކަމުގެ ދަލީލެއް ކަމަށް ދީބާޖާގެ ވަކީލް ވިދާޅުވިއެވެ.

ދީބާޖާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ ދައުލަތުން ވާހަކަ ދައްކަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ދީބާޖާގެ ފަރާތުން ހުކުމް ތަންފީޒު ކުރަން ހުށަހެޅުމުން ކަމަށް އޭނާ ފާހަަގަކުރެއްވިއެވެ. އަދި އިސްތިއުނާފްގެ މަރުހަލާ ނިމި ނުވަތަ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ މައްސަލަތައް ބެލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި އެފަދަ މައްސަލަތައް އަލުން ބެލޭނީ ފާޅުކަން ބޮޑު ބޭ އިންސާފެއް އޮވެގެން ކަމަށާއި، އެކަމަކު އެފަދަ އެއްވެސް ކަމެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ދީބާޖާގެ ވަކީލު ވަނީ ފާހަގަކުރަށްވާފައެވެ.

ދެފަރާތުގެ ވާހަކަތަކަށް ފަހު އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިއްމާލާފައެވެ. ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއު ކުރަން ހުށައަޅާފައިވާއިރު ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ސެޓްލްމަންޓް ކޮމެޓީގައި ދެ ފަރާތުުން މަޝްވަރާ ކުރުމަށް ފަހު ދީބާޖާއަށް ދޭ ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ވަނީ ކުޑަވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން