މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުމާ ދެކޮޅަށް ދީނީ އިލްމުވެރިން އަޑު އުފުލަން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި އަމަލުކުރަމުން އައި އުސޫލުގެ ދަށުން އިސްލާމީ ޝަރީޢަތުގެ ދާއިރާއިން ކިޔަވާވިދާޅުވާ ބޭފުޅުންނަށްވެސް ވަކާލާތުކުރުމުގެ ހުއްދަ ދެއެވެ. ނަމަވެސް އެ އުޞޫލު ބަދަލުކޮށް އިސްލާމީ ޝަރީޢާ އެކަނި ކިޔަވާ ފަރާތްތަކަށް ވަކާލާތު ނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ޤާނޫނީ ފަންނުގެ ޤާނޫނު ފަރުމާކުރިއިރު ވަނީ ކަނޑައަޅާފައެވެ.

އެކަމާ ދެކޮޅަށް ދީނީ އިލްމުވެރިންނާއި އިލްމީ ބޭފުޅުން އަޑުއުފުލަމުންދާއިރު، ދީނީ އިލްމުވެރިޔާ އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ދިވެހިރާއްޖެއަކީ މުސްލިމް ޤައުމަކަށްވާއިރު ޤަޟާޢީ ނިޒާމަށް ޤާނޫނާއި ޝާރިޢަތް ދަންނަ ޢަރަބިބަހުން ދިރާސާކުރެވޭފަދަ ފަރާތްތައް ވަރަށް މުހިއްމުކަމަށެވެ. އަދި އެފަދަ ބޭފުޅުން ޤާޟީންގެ ގޮތުގައި އަދި ވަކީލުންގެ ގޮތުގައި މިހާރުވެސް އަދި މީގެފަހުންވެސް ތިބުން މުހިއްމުކަމަށް އެކަމަނާ ވިދާޅުވިއެވެ.





ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤާނޫނީ ފަލްސަފާ އަކަށްވުރެ އިސްލާމީ ޤާނޫނީ ފަލްސަފާ ފުރިހަމަކަމަށާއި، މިކަން ނޭނގޭ ބަޔަކު އެނޫން ގޮތަކަށް ހީކުރުމަކީ އެބައެއްގެ ހުރި އުނިކަންކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމުން އިސްލާމީ ޝަރިޢާ އާއި ވަކިކުރަން މަސައްކަތްކުރާނަމަ އެބަޔަކާ އެންމެ ފުރަތަމަ ދެކޮޅުވާނީ އެބޭފުޅުންކަމަށް އިލްޔާސް ވިދާޅުވިއެވެ.



މިމައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމީ ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ވާހަކަދައްކާފައެވެ. އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓެރީ ޖެނެރަލްގެ މުސްތަޝާރުގެ މަޤާމު އެންމެ ފަހުން ފުރުއްވި ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ކަމަށެވެ.

އަދި މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުން މުރާޖަޢާކުރުމަށް ޑރ.ޝަހީމުވަނީ ގޮވާލައްވާފައެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމީ ޝަރީޢާ ކިޔަވާއިރު، އިސްލާމީ ޤާނޫނީ ނިޒާމާ ގުޅުންހުރި މުހިއްމު މާއްދާތައް ކިޔަވައިދޭ ކަން ފާހަގަކުރައްވަމުން މީގެ ކުރިން އެ ޑިގުރީ ފުރިހަމަކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޭކަންވެސް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ގެ މަގާމު އަދާކުރެއްވި ޑރ. ޝަހީމު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


26

މެކުނު

15-Oct-2020

ދިވެހިރާއްޖެ މިއަދު މިސްރާބު ހިފާފަ މިވަނީ މިގައުމުން އިސްލާމް ދީން ފޮހެލުމާ ދިމާލަށް ދިވެހި ރައްޔިތުން މިއަދު މިކަމަށްނުވިސްނައިފި ނަމަ މިގައުމަށް ވެގެންދާނީ ވަރަށްދެރަ ގޮތެއް. ރައްޔިތުން މިކަމަށް ހޭލާ.


-16

ކާސިންފުޅު

15-Oct-2020

ކޮންކަމަކާހާސްވަނީ؟ އިލްޔާާހާ އިޔާޒު އެންމެ ލޮލަކުން ތިކަން ހަމަ ޖެހޭނެ



ޓްރެންޑިން