ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު
ރާއްޖެއާއި މޮރިޝަސްގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ސެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެއާއި ދެކޮޅަށް މޮރީޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގެ ފަހަތުގައި ފޮރުވިފައިވަނީ އެހެން އެޖެންޑާއެއް ކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އިޓްލޮސްއަށް މައްސަލައެއް ހުށައަޅާފައިވަނީ ރާއްޖެއާއި މޮރީޝަސްގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ފުށުއަރާތީ އެމައްސަލައަށް ހައްލެއް ހޯދާދިނުމަށް އެދިއެވެ. އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ފަށާފައެވެ.

މިމައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރަށްވަމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވަނީ އިޓްލޮސްއަށް ހުށައަޅާފައިވާ މިމައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ޙައްލުކުރެވިދާނެ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. ބަންޑާރަ ނާއިބު ވިދާޅުވީ މި މައްސަލައިގެ އިޖްރާއަތްތައް ފުރިހަމަނުވާކަމަށާއި، ދެޤައުމުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައިވަނީ އެކަމުގައި ރާއްޖެއާއި ޚިލާފެއް އުފެދިގެން ނޫންކަމަށެވެ. އަދި މޮރިޝަސް އިން މަސައްކަތް ކުރަނީ ޓްރައިބިއުނަލަށް މައްސަލަ ހުށައެޅުމުގައި ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ހިފައި މުޅިން އެހެން މަޤްޞަދެއް ޙާސިލުކުރުމަށް ކަމަށް ރިފްޢަތު ވިދާޅުވިއެވެ.



މިމައްސަލަ ހުށައަޅާފައިވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށްކަން ކަނޑައެޅުމަށެވެ. މޮރިޝަންސްއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއް ޙައްލުކުރުމަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލަށް ހުށައެޅީތީ ހިތާމަކުރަށްވާ ކަމަށް ބަންޑާރަ ނާއިބުގެ ވާހަކައިގައި ވިދާޅުވިއެވެ. ރިފްޢަތު ވިދާޅުވީ ޓްރައިބިއުނަލަށް މައްސަލަ ހުށައެޅެނީ ދެޤައުމުގެ ސަރަހައްދާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާކޮށް އެކަމަށް އެއްވެސް ހައްލެއް ނުލިބި ނަތީޖާ ނުފެނިއްޖެ ޙާލަތެއްގައިކަމަށް އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ، މުއާހަދާގައި ބުނާ ކަމަށެވެ.

ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާއި އެކަނި މަޝްވަރާކުރުމަށް ބޭނުންނުވާކަން ކުރިން ހާމަކޮށްފައިވާނެކަމަށާއި، އެއީ ފޯޅަވަހީގެ ރަށްތަކުގެ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮތީ މޮރީޝަސްއަށާއި އިނގިރޭސިވިލާތަށްކަން ކުރިން ކަނޑައެޅިފައި ނެތުމުން ކަމަށްވެސް ބަންޑާރަ ނާއިބު ފާހަގަކުރެއްވިއެވެ. މިކަމުގައި ރާއްޖެއަކީ އިސްތިއުމާރީ ބާރެއްކަމަށް މޮރީޝަސްއިން ސިފަކުރާކަން ފާހަގަކުރަށްވާ ބަންޑާރަ ނާއިބު ވަނީ އެއީ އިންސާފެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

ޗާގޯސްއަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން