އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދޭން މަސައްކަތްކުރި ނާކާމިޔާބު ހަމަލާއަށްފަހު، އޭނާއާ ދެކޮޅު ފަރާތްތަކަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ. އެގޮތުން ވޮޝިންޓަންގެ ނުފޫޒުގަދަ ނޫސްވެރިންނާ މުހާތަބު ކުރަށްވަމުން ޓްރަމްޕް ވިދާޅުވީ، "ތިމާއަކީ ނުފޫޒުގަދަ މީހަކަށް ވާނަމަ އެމީހުން ތިމާގެ ފަހަތުން އަންނާނެ" ކަމަށެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ އަހަރީ ރޭގަނޑުގެ ފަރިއްކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން ޙާޟިރުވެ ތިއްބާ، ހަފުލާ މެދުކަނޑާލަން ޖެހުނީ ސަލާމަތީ ފާރުތައް ފޫއަޅުވާލައި، ޢާއްމުންގެ މީހަކު ހަތިޔާރާއެކު ހޯލަށް ވަންނަން އުޅުމުންނެވެ. އަދި ސަލާމަތީ ބާރުތަކުން ރައީސާއި އިއްޒަތްތެރިން ރައްކާތެރިކަމާއެކު ބޭރުކުރި ވަގުތު، ޙަފްލާގެ ބައިވެރިން ތިބީ ބިރުން ބިމަށް ތިރިވެގެންނެވެ. ނަމަވެސް ޓްރަމްޕް މި ހާދިސާ ސިފަކުރެއްވީ އެމަނިކުފާނުގެ ހިތްވަރު ގަދަކަމާއި ސިޔާސީ ކާމިޔާބީގެ ރަމްޒެއްގެ ގޮތުގައެވެ.

ނުރައްކާ ސިޔާސީ މަންފާއަކަށް ބަދަލުކުރުން

މި ހާދިސާގެ ބޭނުން ހިއްޕަވައިގެން ޓްރަމްޕް ވަނީ ވައިޓް ހައުސްގައި އަލަށް ބިނާކުރަން އުޅޭ 400 މިލިއަން ޑޮލަރުގެ ހޯލުގެ މަޝްރޫއަށް ވަކާލާތު ކުރަށްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެތަނަކީ ބޮން އެޅިޔަސް ހަލާކުނުވާ ފަދަ ވަރުގަދަ ފުރާޅަކާއި ވަޒަން ނާރާ ބިއްލޫރި ހަރުކޮށްފައިވާ ރައްކާތެރި ތަނަކަށް ވާނެ ކަމަށެވެ. މިކަމާގުޅިގެން އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، މި ހޯލް އެޅުން ހުއްޓުވާފައިވާ ގާނޫނީ މައްސަލަ ބާތިލްކުރަން ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓުގައި އެދޭނެ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން ޓްރަމްޕަށް އޮތް ތާއީދު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މިފަދަ ނުރައްކާތައް ސިޔާސީ ކުރިއެރުމަކަށް ބަދަލު ކުރުމަށް ޓްރަމްޕް ދަނީ މަސައްކަތް ކުރަށްވަމުންނެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ، ކުރިމަތިވާ ނުރައްކާތައް ސިޔާސީ މަންފާއަށް ބަދަލުކުރުމުގައި ޓްރަމްޕަށްވުރެ ކުޅަދާނަ ދެވަނަ މީހަކު ނެތް ކަމަށެވެ.

"އަހަރެން ގިނަ ކަންތައްތަކެއް ކޮށްފިން"

ހާދިސާއަށްފަހު ދެއްވި ބަޔާނުގައި ޓްރަމްޕް ފުރަތަމަ ގޮވާލެއްވީ ސުލްހައަށެވެ. ނަމަވެސް، މާގިނަ އިރުތަކެއް ނުވެ އޭނާ ވަނީ އަމިއްލަ ނަފްސަށް ތައުރީފު ކުރަށްވަން ފައްޓަވާފައެވެ. އެގޮތުން އޭނާ އަމިއްލަ ނަފްސު އަޅާކިޔާފައިވަނީ އަބްރަހަމް ލިންކަން ފަދަ ޝަހުސިއްޔަތުތަކާއެވެ.

"އަހަރެމެން މި ގައުމު ބަދަލުކޮށްފިން، އެކަމާ ހިތްހަމަނުޖެހޭ ބަޔަކު އުޅޭނެ." ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަމަލާގެ ބޭނުން ހިއްޕަވައިގެން އިމިގްރޭޝަން ގާނޫނުތައް ހަރުކަށި ކުރުމަށާއި ސަލާމަތީ ކަންކަމަށް އިތުރު ބަޖެޓް ހޯދުމަށް އިދިކޮޅު ޑިމޮކްރެޓުންނަށް ޓްރަމްޕް ވަނީ ފިއްތުންތައް ކުރިމަތި ކޮށްފައެވެ. ޓްރަމްޕް ގަބޫލު ކުރަނީ، މިފަދަ ހަމަލާތަކަކީ އޭނާގެ ސަރުކާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު