ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހު ބޭއްވި އެޖަމިއްޔާގެ ހާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމިއްޔާއެއްކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން މިނިސްޓަރ ޝާހިދު ވަނީފާހަގަކުރައްވާފައެވެ. އަދި ކޮވިޑް19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާ، މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރަށްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަން މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮމަންވެލްތު މެމްބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓާ ރިސްކް ފައިނޭންސް ޕޯޓަލްއެއް ގާއިމްކުރިކަމާއި، ބައިނަލްއަގުވާމީ މާލީ ބާޒާރުން މެމްބަރު ގައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ކޮމަންވެލްތާއެކު ގިނަ މަސައްކަތް ތަކެއް ކުރާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ދެއްވިއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވީ ކުރީގެރައީސް ޔާމިންގެ ވެރިކަމުގައެވެ. ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ. އަދި ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅީ މި އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން