ޒަހީނުއްދީން ސަޢީދު   15 އޮކްޓޯބަރު 2020 - 2:6
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމް: މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމުން ވަނީ ސަސްޕެންޑްކޮށްފައި
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމް: މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމުން ވަނީ ސަސްޕެންޑްކޮށްފައި
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޝަހީބު އިބްރާހިމް އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރުކަމުން މިރޭ ސަސްޕެންޑުކޮށްފިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ޑްރަގު ނެޓްވޯކުގެ ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކުރިއިރުއެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ އެކަކީ ޝަހީބެވެ.

އެކަމާ ގުޅިގެން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަހީބަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެން، އެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ޕީއެންސީގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް، ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ވަގުތީގޮތުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ޝަހީބަކީ ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ އިތުރުން ކުރީގެ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން އަދާކޮށްފައިވާ މީހެކެވެ. މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު ހައްޔަރުކުރި އަހްމަދު މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ. އެމައްސަލައިގައި ޝަހީބު އިބްރާހީމާއި އިތުރު ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން