މާ ބޮޑަށް ފިކުރު ބޮޑުވަނީ ދިރިއުޅުމުގައި ތަޖުރިބާކުރެވޭ ކަންކަމާއިގުޅިގެން
މާ ބޮޑަށް ފިކުރު ބޮޑުވަނީ ދިރިއުޅުމުގައި ތަޖުރިބާކުރެވޭ ކަންކަމާއިގުޅިގެން
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކަންކަމާމެދު އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ހާސްވެ ކަންބޮޑުވެ ފިކުރު ބޮޑުވާ ބައެކެވެ. މިފަދަ މީހުން ގިނަ ފަހަރު ވިސްނުން ހުންނަނީ މުޅިންވެސް ކަމުގެ ދިމާ އިދިކޮޅަށެވެ. މިފަދަ ވިސްނުން މީހުންގެ ސިކުނޑިތަކަށް ވެރިވާ މައިގަނޑު ސަބަބަކީ އެމީހުންނަށް ދިރިއުޅުމުގައި ތަޖުރިބާ ކުރެވޭ ނޭދެވޭ ކަމެއްގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރު ގެއްލިގެންދިޔުން ފަދަ އަމިއްލަ ނަފްސަށް އިޙްތިރާމް ނުކުރުންފަދަ ކަންކަން މެދުވެރިވެގެންނެވެ.

އެގޮތުން، މިފަދަ މީހުން އިތުބާރު ކުރާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އަމިއްލަ ނަފްސަށް ނުކުރެވޭ އިތުބާރެއް، އިޚްތިރާމެއް ކިތައްމެ ގާތް ގުޅުމެއް އޮންނަ މީހަކަށްވެސް ނުކުރެވޭނެއެވެ. ހިތުގައި ޝައްކައި ވަހުމް އުފެދޭނެއެވެ. މީހަކު ކައިރިން އެއްވެސް ކަމަކަށް އެދެންވެސް އެފަދަމީހުން ބޭނުމެއް ނުވާނެއެވެ. ކަމެއް ނުވަގެން އެހެން އެއްވެސް ގޮތެއް ނެތިގެން، ގާތްތިމާގެ މީހަކަށް ނުވަތަ ގާތް ރައްޓެއްސަކަށް އެކަން އެނގިގެން އެމީހަކު އަމިއްލައަށް އެކަމެއްކޮށްދިނުމަށް ހަވާލުވި ނަމަވެސް، އެމީހަކަށް އެކަން ކޮށްދެވިދާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރާނެއެވެ.

މީހަކު މެސެޖަކަށް ޖަވާބު ނުދީ ލަސްވުމުން، އެއީ އެމީހަކު ތިމާދެކެ ހިތްހަމަނުޖެހިގެން އުޅޭތީ ކަމަށް ނިންމާ ނިންމުންތައް ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟

އަމިއްލަ ނަފްސުގެ ތެރޭގައި ތަށިވެފައިވާ ކަމުގެ އިހުސާސް ކުރެވޭ ކޮންމެ މީހަކަށްމެ، "މާ ބޮޑަށް ވިސްނުން ހުއްޓާލާށޭ" ބުނުމަކީ ބުނެލަން ފަސޭހަ ނަމަވެސް، އަމަލީ ގޮތުން ކުރަން ދަތި ކަމެއްކަން އެނގޭނެއެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ގޯސްކޮށް ވެދާނެ ގޮތްތަކާ މެދު އަމިއްލައަށް ވިސްނޭ ސިކުނޑިއެއް، ހަމައެކަނި ހިތްވަރުގެ ބަސްތަކަކުން ހަމަޖައްސައެއް ނުލެވޭނެއެވެ. ނަމަވެސް، މިފަދަ ފިކުރުތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތް ފެށެނީ އެ ފިކުރުތައް ހުއްޓުވުމުގެ ބަދަލުގައި، 'އޯވަތިންކިންގް' އަކީ އަސްލު ކޮބައިކަން ދެނެގަތުމުންނެވެ.

ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރުމަކީ ތިބާގެ ކިބައިގައި ހުރި ދާއިމީ ސިފައެއް ނޫނެވެ. އަދި އެއީ ތިބާއީ ބަލިކަށި ނުވަތަ ކަންބޮޑުވާ މީހެއްކަމުގެ ހެއްކެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އުނދަގޫ ކަންކަމާ ކުރިމަތިލުމަށް ތިބާގެ ސިކުނޑި ދަސްކޮށްފައިވާ ނުރަނގަޅު އާދައެކެވެ. ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ގިނަ ފަހަރަށް މާ ބޮޑަށް ފިކުރުކުރެވެނީ އެއީ ކަމެއް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ހީވާތީއެވެ. މިސާލަކަށް، ނިމިފައިވާ ގުޅުމެއްގައި ކަންތައްވީ ގޮތް ތަކުރާރުކޮށް ދިރާސާކުރުމުން، ދެރަވެފައި އިނުމުގެ ބަދަލުގައި ކޮންމެވެސް މަސައްކަތެއް ކުރެވޭހެން ހީވެއެވެ. ނަމަވެސް ހަގީގަތަކީ، ކޮންމެ ކަމަކީ ހަމައެކަނި ވިސްނައިގެން ހައްލު ކުރެވޭނެ ކަންކަމެއް ނޫނެވެ.

މި ނުރަނގަޅު އާދައިން ދުރުވުމަށްޓަކައި ނަފްސާނީ މާހިރުން ލަފާދެއްވާ ބައެއް އުކުޅުތައް ތިރީގައި މިވަނީއެވެ:

1. ފިކުރުކުރުމަށް ވަގުތެއް ކަނޑައަޅާށެވެ:

ކަމަކާ މެދު "ނުވިސްނަން" މަސައްކަތް ކުރުމަކީ ވަރަށް މަދުން ނޫނީ ކާމިޔާބުވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ފިކުރުކުރާ ވަގުތު ކުރުކޮށްލާށެވެ. ކަންބޮޑުވާ ކަންތައްތައް ލިޔުމަށްޓަކައި ދުވާލަކު 10 މިނެޓު ހުސްކުރާށެވެ. ވަގުތު ހަމަވުމުން އެ ލިޔުންތައް ލައްޕާލާށެވެ. މިއީ ތިބާގެ ހިތުގައި ހުރި ޝުއޫރުތައް ބޭރުކޮށްލުމަށް ފުރުސަތު ދިނުމާއެކު، އެ ފިކުރުތައް މުޅި ދުވަހަށް ފެތުރިގެން ދިޔަ ނުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

2. ހަގީގަތާއި އަމިއްލަ ހީތައް ވަކިކުރާށެވެ:

"އެމީހާ މެސެޖަކަށް ޖަވާބެއް ނުދޭ" - މިއީ ހަގީގަތެވެ. "އެމީހާ އިނީ އަހަރެންދެކެ ރުޅިއައިސްފައި" - މިއީ ތިބާގެ އަމިއްލަ ހީއެކެވެ. މާ ބޮޑަށް ފިކުރުކުރެވޭ ވަގުތު މި ދެކަންތައް ވަކިކުރަން އުނދަގޫވާނެއެވެ. އެހެންކަމުން، ކަމަކާ މެދު ކަންބޮޑުވާން ފެށުމުން، ތިމާއަށް ޔަގީނުން އެނގެނީ ކޮން ކަމެއްތޯ އަދި އަމިއްލައަށް އުފައްދައިގެން މިއުޅެނީ ކޮން ވާހަކައެއްތޯ ސުވާލުކޮށްލާށެވެ.

3. "ވެދާނެ ގޮތަކާ" މެދު ވިސްނުމުގެ ބަދަލުގައި "ދެން ކުރާނެ ކަމަކާ" މެދު ވިސްނާށެވެ:

ކަންބޮޑުވާ ވަގުތު އަހަރެމެން ބޭނުންވަނީ ކަންކަން ވާނެ ގޮތުގެ ޔަގީންކަމެވެ. ނަމަވެސް މުސްތަގުބަލުގައި ވާނެ ގޮތް އެކަކަށްވެސް ނޭނގޭނެއެވެ. އެހެންކަމުން "މިހެން ވެއްޖެއްޔާ ވާނީ ކިހިނެއް؟" މި ސުވާލުގެ ބަދަލުގައި، "މިވަގުތު އަހަންނަށް ކުރެވޭނީ ކޮން ކަމެއް؟" މި ސުވާލު ކުރާށެވެ. ކުޑަ ނަމަވެސް އަމަލީ މަސައްކަތެއް ފެށުމުން، ސިކުނޑީގެ ނުތަނަވަސްކަން ކުޑަވެގެންދާނެއެވެ.

4. ސިކުނޑި އެހެން ކަމަކަށް ހުސްކޮށްލުމުގައި ސަމާލުވާށެވެ:

ހުރިހާ ކަމަކީ ސިކުނޑި ހަމަޖައްސައިދޭނެ ކަންކަމެއް ނޫނެވެ. ފިކުރުތަކާ ދުރުވުމަށްޓަކައި ސޯޝަލް މީޑިއާ ބެލުމުގެ ބަދަލުގައި، ހަށިގަނޑު ހަރަކާތްތެރިވާ ކަހަލަ ކަމެއް ކުރާށެވެ. ހިނގާލަން ދިއުން، ކެއްކުން ނުވަތަ މޫނު ދޮވެލުން ފަދަ ކަންކަމަކީ ސިކުނޑި ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

5. "އެންމެ ފުރިހަމަ" ނޫން ނަމަވެސް "ރަނގަޅު" ނިންމުމަކަށް އިތުބާރުކުރާށެވެ:

މާ ބޮޑަށް ފިކުރުކުރެވެނީ ކޮންމެ ކަމެއްވެސް 100 އިންސައްތަ ފުރިހަމައަށް ކުރަން އުޅުމުންނެވެ. ނަމަވެސް ދިރިއުޅުމުގައި ހުރިހާ ކަމަކީ ޔަގީންކަމާއެކު ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، "މިއީ އެންމެ ފުރިހަމަ ގޮތް ނޫން ނަމަވެސް، މިއީ މިވަގުތަށް ކުރަން ރަނގަޅު ކަމެއް" ކަމަށް ނިންމައި ކަންކަން ކުރަން ދަސްކުރާށެވެ. މިއީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭނެ ކަމެކެވެ.

6. ކަންކަން ނޭނގި އޮތުމުގެ އިހުސާސަށް އަމިއްލަ ނަފްސު ހޭނުވުން:

ކަންކަން ވާނެ ގޮތް ނޭނގި އޮތުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެއީ ނުރައްކަލެއް ނޫންކަން ދަސްކުރަންޖެހެއެވެ. ކުދިކުދި ކަންކަމުގައި ޔަގީންކަން ހޯދަން މަސައްކަތް ނުކޮށް މަޑުކޮށްލަން ދަސްކުރާށެވެ. މިސާލަކަށް، މީހަކު ފޮނުވި މެސެޖެއްގެ މާނަ ނޭނގިގެން ވަގުތުން ސުވާލުކުރުމުގެ ބަދަލުގައި، އިރުކޮޅަކު މަޑުކޮށްލާށެވެ. މިފަދަ ކުދިކުދި ކަންކަމުން ފަށައިގަތުމުން، ކަންބޮޑުވުންތަކާ އެކުވެސް ހަމަޖެހިގެން އުޅެން ތިބާގެ ސިކުނޑި ދަސްކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު