ކ.މާފުށީގައި ހުންނަ ގެސްޓް ހައުސްއެއް: މާދަމާ 9 ރަށެއްގެ 16 ގެސްޓް ހައުސް ހުޅުވަން ވަނީ ހުއްދަދީފަ
ކ.މާފުށީގައި ހުންނަ ގެސްޓް ހައުސްއެއް: މާދަމާ 9 ރަށެއްގެ 16 ގެސްޓް ހައުސް ހުޅުވަން ވަނީ ހުއްދަދީފަ
ގެސްޓްހައުސް ޓޫރިޒަމް ނުވަތަ ރަށު ޓޫރިޒަމް މާދަމާ ފަށާއިރު 16 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީ އިން މިރޭ ދީފިއެވެ.

ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ 22 ގެސްޓް ހައުސްއެއްގެ އެސްއޯޕީ އެ މިނިސްޓްރީއަށް މިހާރު ލިބިފައިވާ ކަމަށެވެ. ގެސްޓް ހައުސްތަކުން އެސްއޯޕީ ހުށައެޅުމުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދެނީ އެ ރަށެއްގައި ގައިޑްލައިނާ އެއްގޮތަށް އަދި އެ ގެސްޓް ހައުސްއެއްގައި ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރެވިފައިވޭތޯ ޔަގީން ކުރުމަށްފަހު ކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.

އެކަން ޔަގީން ކުރަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް 22 ގެސްޓްހައުސްއަކުން އެސްއޯޕީ ހުށައެޅި ނަަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުޅުވުމުގެ ހުއްދަ ދީފައިވަނީ 16 ގެސްޓް ހައުސްއަކަށް ކަމަށާއި، އެހެންކަމުން މާދަމާ ހުޅުވާނީ މި 16 ގެސްޓްހައުސް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ ދެން ހުށައަޅާފައި ހުރި ތަންތަންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށެވެ. މާދަމާ ހުޅުވުމުގެ ހުއްދަ ދީފައިވާ 16 ގެސްޓްހައުސްއަކީ ނުވަ ރަށެއްގައި ހުރި ގެސްޓްހައުސް އެވެ. އެއީ ކ އަތޮޅުން މާފުށި އަދި ހުރާއެޗެ. އއ އަތޮޅުން މަތިވެރި އަދި ވ އަތޮޅުން ތިނަދޫ އާއި ފުލިދޫ އެވެ. ދެން ހިމެނެނީ ތ އަތޮޅުން ގާދިއްފުށްޓެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން ނ އަތޮޅުން ފޮއްދޫ އާއި ށ. ނަރުދޫ އަދި ހދ. ހަނިމާދޫގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ގެސްޓް ހުޅުވަން ހުއްދަ ދިން ނުވަ ރަށުގައި މާދަމާއިން ފެށިގެން މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި އެ ރަށްރަށުން ގެސްޓްހައުސް ހުޅުވާފައި ނުވާ ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް އޮވެގެން ކަމަށް ވެސް ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު