ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ދަނޑުވެރިކަމަށް ފަހި މާޙައުލެއް ގާއިމު ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒު ކުރަމުން އަންނަ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސް އިބްރާހިމްގެ ފޮނުއްވި ޚިތާބުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމައި، ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވާ ކަމަށެވެ.

ރައީސްގެ ޚިޠާބުގައި މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ކަމަށްވެފައި، އަދި މާދަމާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ކާބޯތަކެތީގެ ދުވަސް ކަމަށްވާއިރު، މި ދެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް، ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ވަނީ ފޮނުއްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށްވެގެން ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައި ވެސް، މި ޔަޤީންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް ދަނޑުވެރި ކަމަށް އެތެރެ ކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިޔުޓީ މިހާރު ވާނީ ކަނޑާލާފައި ކަމަށާއި، އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) މެދުވެރިކޮށް، ދަނޑުވެރި ކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕުރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާ ކުރެވިފައިވާކަން ރައީސް ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށެވެ. މި ދަތިކަން ޙައްލު ކޮށްދިނުމަށް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާ ގުޅޭ މަޝްރޫޢުތަކަށް، ބޭރުގެ އެހީދޭ ޖަމުޢިއްޔާ އަދި ޖަމާޢަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް، ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން،" މި ޝިޢާރެވެ.


ކިޔުންތެރިންގެ ހިޔާލު


15

އަޛުﷲ

15-Oct-2020

ރައީސް ސޯލިހައް ދާއީދު ކުރެވެނީ ތިހެން ވެގެން ތިފަ ދުރުވިސްނުން ފުޅެއް ގެންގުޅުއްވާތީ



ޓްރެންޑިން