ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށައި މިއަދު ނިއްމާލައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ގާނޫނީ ވަކީލު މުހައްމަދު ހަލީމް އެވެ. މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަނޑައަޅައި ދެއްވުމަށް ހަލީމް ވަނީ އެދިވަޑައިގެންފައެވެ.

މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އާއި ފަނޑިޔާރުން ވަނީ ހަލީމް އާއި ގިނަ ސުވާލު ތަކެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން މި މައްސަލާގައި ގައުމުގެ މަސްލަހަތާއި އާއްމު މަސްލަހަތު ގުޅޭގޮތާއި، އަދި މުސާރަ ކުޑަ ކުރުމުން އެކަމުން ސީދާ ގެއްލުންވި ކަމަށް ބުނާ ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ސުވާލުކޮށް ކަންކަން އޮޅުން ފިލުވުމަށް މަސައްކަތް ކުރެއްވިންތޯ ހަލީމާއި ސުވާލު ކުރެއްވިއެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ހަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަ ކުރުމަކީ އެ ފަރާތްތަކަށް ލިބޭނެ ގެއްލުމެއް ކަމަށާއި އެއީ ގައުމީ މަސްލަހަތާއި އާއްމު މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިޔަކާ ބައްދަލު ކުރައްވައި، ސުވާލު ކުރެއްވުމާއި ކަންކަން އޮޅުން ފިލުވާފައިނުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން އެ ނިންމުން ނިންމި ހިސާބާއި ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރަކާ ވެސް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.

މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، މައިގަނޑު ސަބަބަކީ، ރައީސާއި ނައިބު ރައީސް އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ގާނޫނުގައި، މަގާމުތަކުގެ މުސާރައާ ގުޅޭގޮތުން ވަކިގޮތަކަށް ބަޔާން ކޮށްފައިވާތީ ކަމަށް ހަލީމު ވިދާޅުވެފައިވެއެވެ. އަދި ބައެއް ގާނޫނުތަކުގައި އެ މަގާމެއްގެ ދައުރުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެކަމަށް ބަޔާން ކޮށްފައިވާތީ ކަމަށްވެސް ހަލީމް ގެ ހުށައެޅުމުގައި ވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކުރަށްވާފައެވެ. އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 118 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ޤާނޫނުގައި ބުނެފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ. އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ 75،000ރ. އެވެ.

މަޖިލީހުން މެއި މަހުގެ 20 ވަނަ ދުވަހު ފާސް ކުރި މާލިއްޔަތު ކޮމެޓީ ރިޕޯޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 100،000ރ. އިން 65،000ރ. އަށް ކުޑަ ކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ވަނީ 75،000ރ. އިން 48،750ރ. އަށް ކުޑަ ކޮށްފައެވެ. ނަމަވެސް މަޖިލީހުން ކުޑަކުރި މުސާރަތައް ކުރިން ހުރި ވަރަށް މިހާރު ވަނީ އިއާދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން