"ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 5.4 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރ ޒަހާ ދެއްވި ހިތާބުގައި ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސް ކުރުމަށް "ދަނޑުވެރި ނަފާ" ގެ ނަމުގައި މިނިސްޓްރީ އާއި އެސް.ޑީ.އެފް.ސީ ގުޅިގެން ފަށާފައިވާ ލޯނު ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 5.4 މިލިޔަން ރުފިޔާގެ ލުއި ލޯނު ދޫކޮށްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކޮށް، ކުރިއަރުވަންޖެހޭކަމަށެވެ.

"ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ދަނޑުވެރިކަމާއި މަސްވެރިކަން ޤައުމުގެ އިޤްތިޞާދުގައި އަދާކުރާ ދައުރު ބޮޑު ކުރެވިގެން. އަދި ވަކިން ޚާއްޞަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ފަތުރުވެރިކަމުގެ ސިނާޢަތަށް ވިއްކޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިއްޖެނަމަ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ މަންފާއެއް ލިބޭނީ، ދަނޑުވެރިންގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުވެގެންކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ދަނޑުވެރިންނަކީ ދަނޑުވެރިކަމުގެ ޒަމާނީ ވައްޓަފާޅިއަށް ހޭނިފައިވާ، މަސައްކަތްތަކުގައި ދެމެހެއްޓެނިވި ގޮތްތައް އިޚްތިޔާރު ކުރާ ބަޔަކަށް ހެދުމަށް މިނިސްޓްރީން މިދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން. މިރިޔާސީ ދައުރު ފެށުނު ހިސާބުން ފެށިގެން މިއަހަރުގެ މިހާތަނަށް 22 ރަށެއްގައި ދަނޑުވެރިކަމުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މިތަމްރީނުތަކުން ޖުމްލަ 1191 (އެއްހާސް އެއްސަތޭކަ ނުވަދިހަ އެއް) ދަނޑުވެރީން ވަނީ ތަމްރީނުކުރެވިފައި." ޒަހާ ވިދާޅުވިއެވެ.

ޒަހާގެ ހިތާބުގައި ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ފަޅުރަށްތަކެއް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ރަށްތައް ނަންގަވާފައިވާ ބައެއް ފަރާތްތަކުން ރަށް ނަންގަވާފައިވާ މަޤްޞަދުތަކާއި އެއްގޮތަށް މަސައްކަތް ނުކުރައްވާކަން ފާހަގަކުރެއްވިއެވެ.

"ރަށްތައް ދޫކުރުމުގެ މަޤްޞަދު ޙާޞިލްވަމުން ނުދާނަމަ ރަށްތައް ނަންގަވާފައިވާ ފަރާތްތަކާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން އަރުވަން. ކަންމިހެންހުރި ކަމުގައިވީނަމަވެސް، ފަޅުރަށްތައް ނަންގަވައިގެން ހިތްވަރާއެކު މަސައްކަތް ކުރައްވާ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރައްވާ ފަރާތްތަކެއްވެސް އެބަ ތިއްބެވި. އެފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދާއިރު، އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން