މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހަށްވުރެ، މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ މިންވަރު ދަށަށް ހިނގައްޖެއެވެ.



މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު ވަނީ 50 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހު މި ޢަދަދުވަނީ 1.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި ސެޕްޓެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު 59 އިންސައްތަ ދަށްވެފައިވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހު މި ޢަދަދުވަނީ 119 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 275 މިލިއަން އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން