މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ވަކި ލީޑަރަކާ ނުލައި އެމްޑީޕީ ފަދަ ބޮޑު މުއައްސަސާއެއް ނުހިނގާނެ ކަމަށް ބުނާ ބުނުމަކީ، އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، ހަގީގީ ލީޑަޝިޕަކީ އެހެން މީހުން ބައިވެރިކުރުވައި ބާރުވެރިކުރުވުން ކަމަށް ކުރީގެ ރައީސް ޞާލިޙްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒުނާ މިހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝިފާޒު ވިދާޅުވެފައިވަނީ އެމްޑީޕީ މިހާރު އޮތީ "މަރުވެފައި" ކަމަށެވެ. އަދި އެ ޕާޓީ އަލުން ހިންގާލެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޗެއަރޕާސަންގެ މަޤާމް ހަވާލުކޮށްގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ފަޒުނާ ވިދާޅުވީ، ސިޔާސީ ޕާޓީއެއް ކަމުގައި ވިޔަސް، ސުކޫލެއް ކަމުގައި ވިޔަސް ނުވަތަ އާއިލާއެއް ކަމުގައި ވިޔަސް، ހަގީގީ ލީޑަޝިޕަކީ އެހެން މީހުން ބާރުވެރިކުރުން ކަމަށެވެ. އަދި އެއީ އެހެން މީހުން ތިމާއަށް ބަރޯސާވާގޮތް ހެދުން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަކި ލީޑަރަކާ ނުލައި މުއައްސަސާއެއް ނުހިނގާނެ ކަމަށް މީހުން ބުނާ ބުނުމަކީ އަޅުގަނޑު ދެކޭގޮތުގައި އުފާކުރަންޖެހޭ ކަމެއް ނޫން." ފަޒުނާ ވިދާޅުވިއެވެ.

އިތުރަށް މިސާލު ޖައްސަވަމުން ފަޒްނާ ވިދާޅުވީ، މައިންބަފައިންނާ ނުލައި ދަރިންނަށް ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކުދިންނަށް އިހުސާސް ކުރެވޭނަމަ ނުވަތަ ޕްރިންސިޕަލަކު ވަކިވުމުން ސުކޫލެއްގެ ހިންގުން ހުއްޓުމަކަށް އަންނަ ނަމަ، އެއީ އެހެން މީހުންގެ ކިބައިގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ލީޑަޝިޕްގެ ސިފަތައް އަށަގަންނުވައިދިނުމުގައި އެ ލީޑަރަކު ފެއިލްވުން ކަމަށެވެ.

ފަޒުނާ ވިދާޅުވީ "ކަރިސްމެޓިކް" ލީޑަރުންގެ ފަރާތުން ފެންނަ އެންމެ ބޮޑު އެއް ބަލިކަށިކަމަކީ އެ މުއައްސަސާއެއް މުޅިން އެންމެ މީހަކަށް ބަރޯސާވާގޮތް ހެދުމެވެ. އެފަދަ ލީޑަރުންގެ ޝަހުސިއްޔަތުގެ ސަބަބުން ކަންކަމަށް ހަލުވިކަމެއް ގެނެސްދީފާނެ ކަމަށާއި، ނަމަވެސް މުއައްސަސާއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނީ ވަރުގަދަ އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.



ފަޒްނާ މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފަޒުނާ ތާއިދުކުރަށްވަނީ ރައީސް ނަޝީދާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ގާތް ބޭފުޅުންނާއި އެ މަނިކުފާނުގެ ޓީމު ވެސް އޮތީ މީކާއިލްގެ ފަހަތުގައެވެ.

ރައީސް ނަޝީދަށް ސަޕޯޓްކުރާ ފަރާތްތަކާއި މީކާއިލްއަށް ސަޕޯޓްކުރާ ފަރާތްތަކާ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު