އަދަދު ނޫހުގެ ނޫސްވެރިން، ލީވާން އާއި ޝަހުޒާން
އަދަދު ނޫހުގެ ނޫސްވެރިން، ލީވާން އާއި ޝަހުޒާން
'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން، ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއްގައި މިއަދު ޖަލަށްލައިފިއެވެ.

މި ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން އެ ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާތަކާ ގުޅިގެން ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ވަނީ، އެ ޑޮކިއުމެންޓަރީއާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ، ވަކި ގޮތެއް ނިންމަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓަށް ހާޒިރުކުރީ ކޯޓު އަމުރާ ޚިލާފަށް އެ ޑޮކިއުމެންޓަރީއާ ގުޅޭ ޚަބަރެއް ލިޔުނު ކަމުގެ ތުހުމަތުގައެވެ.

އަދި މުހައްމަދު ޝަހުޒާން ހައްޔަރުކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓު އަމުރާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލައި، ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު