ޖަލަށްލީ ދެ ނޫސްވެރިން-
ޖަލަށްލީ ދެ ނޫސްވެރިން-
ދެ ނޫސްވެރިން ޖަލަށް ލުމަކީ އެއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލާފައިވަނީ 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއްގައެވެ. މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ މައްޗަށް އިއްވި ޖަލު ހުކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ކަމަށެވެ. އަދި މި އަމަލަކީ ރާއްޖޭގެ ޑިމޮކްރެޓިކް ޖަވާބުދާރީވުން ބަލިކަށިކޮށްލުމަށް ހިންގޭ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރިއެވެ.

ޓްރާންސްޕޭރެންސީން ވަނީ މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން، އެ ދެ ނޫސްވެރިންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނެފައިވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ބިރުވެރިކަން އުފެދި، މިނިވަން ނޫސްވެރިކަން ހަނިވެގެންދާނެ ކަމަށެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް އޮތް ހުރަހެއް ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު