އަހުމަދު މަސްނޫމް   16 އޮކްޓޯބަރު 2020 - 23:53
ނޮވެމްބަރު 11އަށް ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީން އަމާޒު ހިފައިފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ހޯރަފުށި އެއަރޕޯޓްގެ މަސައްކަތް ބައްލަވާލެއްވުމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު އެރަށަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.

އެމް.ޓީ.ސީ.ސީން ބުނީ ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި އަދި އަމާޒަކީ އަންނަމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުންކަމަށެވެ.



އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭ އާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުން ވަނީ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ.

ހޯރަފުށީ އެއަރޕޯޓުގައި ޕަސެންޖަރ ޓަރމިނަލަކާއި، ފަޔަރ ބިލްޑިންގއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓްމަހުގެ 27 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލެކެވެ.

މި މަޝްރޫޢާއެކު ރާއްޖޭގެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ހޯރަފުއްޓާއި ކައިރި ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިއީ އުތުރުގައި ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްވެސް ހުޅުވިގެންދާ ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. ހޯރަފުށީ އެއަރޕޯޓުގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއަރޕޯޓް ހިމެނޭ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތްވެސް ހޯރަފުށީ ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަލިބެ ގުޅި

17-Oct-2020

ރައީސް ސޯލިހުގެ ސަރުކާރުން ކަން ކަން މިގެން ދަނީ ވަރައް ބާރު ދުވެއްޔެއްގަ ކުރިޔައް ކުރިޔައް ބާރައް ކުރިޔައް



ޓްރެންޑިން