ފޮޓޯ: ރެޑްބުލް ފޯ ޓޫ ސްކޯ
ފޮޓޯ: ރެޑްބުލް ފޯ ޓޫ ސްކޯ
ދުނިޔޭގެ ފެންވަރުގައި ބާއްވާ ފޯރިގަދަ އަދި އެހާމެ ހަލުވި ދުވެއްޔެއްގައި ކުޅޭ "ރެޑްބުލް ފޯ ޓޫ ސްކޯ" އަނެއްކާވެސް ރާއްޖޭގައި ފަށައިފިއެވެ. މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތަކީ އެޓޭކިންގ ފުޓްބޯޅައަށް ހާއްސަ، ވަރަށް ބާރު ސްޕީޑުގައި ކުޅޭ މުބާރާތެކެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ 10 މިނެޓަށެވެ. ކޮންމެ ޓީމެއްގައި 4 ކުޅުންތެރިން ތިބޭއިރު، ޓީމްތަކުގައި ގޯލްކީޕަރަކު ނުހުރެއެވެ. މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ގަވާއިދަކީ، މެޗުގެ ފުރަތަމަ މިނެޓާއި ފަހު މިނެޓުގައި ޖަހާ ގޯލްތައް ދެ ގޯލުގެ ގޮތުގައި ގުނުމެވެ. އެހެންކަމުން ކޮންމެ ސިކުންތަކީވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވިދާނެ މުހިންމު ވަގުތެކެވެ.

މިއަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުތައް މިހާރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ނިންމާލާފައެވެ. އޭގެ ތެރޭގައި ބ. ގޮއިދޫ، ކ. ގާފަރު، ކ. ހިންމަފުށި އަދި މާލެ ސަރަހައްދު ހިމެނެއެވެ. ކޮންމެ ރަށަކުންވެސް އެންމެ މޮޅު ދެ ޓީމު ވަނީ ގައުމީ ފައިނަލަށް ހޮވިފައެވެ.

އެގޮތުން ގައުމީ ފައިނަލުން ޖާގަ ހޯދި ރަށްރަށުގެ ޓީމުތަކަކީ:

ކ. ގާފަރު: ސައިރެކްސް އެފްސީ އަދި އޯކޭ ބޯއިޒް.

ބ. ގޮއިދޫ: ނައިޓް ވޯރިއާސް އެފްސީ އަދި ފިޝް އޮން.

ކ. ހިންމަފުށި: ހޮޓްޝޮޓް އެފްސީ އަދި ބެންޑް ސްޕޯޓްސް ކްލަބް.

މީގެ އިތުރުން މާލޭގެ ކޮލިފައިން ބުރުން ފައިނަލަށް ހޮވުނު ޓީމުތަކަކީ ސްކޯޕިއަން ސިޓީ، މައިލޯ ސިޓީ ސްޕޯޓްސް ކްލަބް، ފައިގަތަޅާ އެފްސީ، ޔުނައިޓެޑް ވީ، އައްޔަނި އެފްސީ، މައިލޯ ސިޓީ އެފްސީ އަދި ކްލަބް ޓީނޭޖެވެ.

މި މުބާރާތުގެ ތާރީހަށް ބަލާއިރު، ދިވެހި ޓީމުތަކުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2024 ވަނަ އަހަރު ކްލަބް ޓީއެފްޓީން ޖަރުމަނުގެ ލައިޕްޒިގްގައި ރާއްޖެ ތަމްސީލުކުރިއިރު، 2025 ވަނަ އަހަރު ކްލަބް ޓީއެންޓީން ވަނީ އޮސްޓްރިއާގެ ސަލްޒްބާގްގައި ރާއްޖޭގެ ދިދަ އުފުލާލާފައެވެ.

"ރެޑްބުލް ފޯ ޓޫ ސްކޯ" ރާއްޖޭގެ ގައުމީ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މޭ 2026 ވާ ހޮނިހިރު ދުވަހު ހުޅުމާލެ ޔޫތު ޕާކުގައެވެ. މި މުބާރާތުން އެއްވަނަ ހޯދާ ޓީމަކަށް، މިއަހަރު ކެނެޑާގެ ޓޮރޮންޓޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ފައިނަލު ބުރުގައި ރާއްޖެ ތަމްސީލު ކުރުމުގެ ރަން ފުރުސަތު ލިބިގެންދާނެއެވެ.

ދުނިޔޭގެ 20 އަށްވުރެ ގިނަ ގައުމުގައި ބާއްވާ މި މުބާރާތަކީ، އާދައިގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަރިންނަށް ވުމަށް ހުޅުވިގެންދާ ވަރަށް ބޮޑު ދޮރެކެވެ. މިދިޔަ އަހަރުގެ ވޯލްޑް ފައިނަލްގައި މިކްސްޑް ކެޓަގަރީން މެކްސިކޯ ތަށި ހޯދިއިރު، އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕޯޗުގަލްއެވެ.



ކިޔުންތެރިންގެ ހިޔާލު