ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ
ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ޚާއްސަ ބައްދަލުވުމަކަށް ފަހު، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވައި ރޭ މާލޭގެ މަގުތަކަށް ނުކުންނަވައިފިއެވެ.

ތިން ރައީސުން ގުޅިގެން ނެރުއްވި އެއްބަސްވުމުގައި ގޮވާލައްވާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ 'ގެގް އޯޑަރާ' ޚިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ތެރެއިން ހައްޔަރުކުރި މީހުން ވަގުތުން މިނިވަންކުރުމަށެވެ.

އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ އެންމެހާ ޝަރީއަތްތައް ހުއްޓާލުމަށް ވެސް މި ޑިމާންޑުތަކުގައި ބާރުއަޅާފައިވެއެވެ.

އެ ބައްދަލުވުމަށްފަހު، ތިން ބޭފުޅުންނާއި އެ ބޭފުޅުންގެ ސަޕޯޓަރުން ކަނބާއައިސާރަނި ހިންގުމުން ހިންގަވާފައި ވަޑައިގަންނަވަން އުޅުއްވުމުން، އެސްއޯ ފުލުހުން ވަނީ ޝީލްޑްތަކާއެކު ނުކުމެ އެ ބޭފުޅުންގެ މަގު ބަންދުކޮށްފައެވެ.

އެ ވަގުތު ރައީސުންގެ ސެކިއުރިޓީން ފުލުހުންގެ ކިބައިން މަގުދެއްކުމަށް އެދެމުންދިޔަ ނަމަވެސް، އެ ސަރަހައްދުން ކުރިއަށްދެވޭ ގޮތް ވަނީ ނުވެފައެވެ.

އެއާއެކު، ކުރީގެ ރައީސް ޔާމީން އެ ސަރަހައްދުން ކާރުކޮޅެއްގައި ވަޑައިގަތުމުން، ދެން ތިއްބެވި ދެ ރައީސުން ކަމަށްވާ ނަޝީދާއި ސޯލިހް، މުޒާހަރާގެ ބައިވެރިންނާއެކު މިސްރާބު ޖެއްސެވީ ބޮޑުތަކުރުފާނު މަގުން ކުރިއަށް ވަޑައިގަތުމަށެވެ.

ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ދިމާލަށް ދަތުރުކުރަން އުޅުމުން ވެސް ފުލުހުން ވަނީ ވަށައިގެން ޝީލްޑް ޖަހައި، ދެ ރައީސުންނާއި މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔަނުދީ ހިފަހައްޓާފައެވެ.

އެހެންނަމަވެސް، އެމްއެންޑީއެފްގެ ސެކިއުރިޓީން ސިފައިންނާއި ރައީސުންނަށް މަގުދިނުމަށް އެދެމުންދަނިކޮށް، އެއްވެ ތިބި އާންމުން ވަނީ ފުލުހުންގެ ސަފުތަކަށް ބާރުބޮޑުކޮށް، ޝީލްޑްތައް ކޮއްޕައި ދުރަށް ޖެއްސުމަށްފަހު ފުލުހުންގެ ސަފުތައް ފަޅާލާފައެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ދެ ރައީސުންނާއި އާންމުންނަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމުގައި އެމްއެންޑީއެފްގެ ސެކިއުރިޓީންގެ ގޮތުގައި ތިބި ސިފައިން ވަރަށް ބޮޑު ދައުރެއް އަދާކުރިކަން ފާހަގަކުރެވުނެވެ.

ފުލުހުންގެ ސަފުތައް ފަޅާލުމާއެކު، ރައީސް ސޯލިހް ވަނީ މާފަންނުގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށް ހިންގަވާފައި ވަޑައިގެންފައެވެ.

އަދި އެ ސަރަހައްދުގައި ދެން ބާކީ ހުންނެވި ރައީސް ނަޝީދު ވެސް ވަނީ ރަސްފަންނު ކައިރިން ކާރުކޮޅަކަށް އަރާވަޑައިގެން އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު