މިދުވަސްވަރު ބަލިމަޑުކަމެއް ފެތުރޭތީ ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ނަސޭހަތްތެރިވަމުންނެވެ. ހާއްސަކޮށް އަތްދޮވުމަށް ތަކުރާރުކޮށް ދަނީ އިލްތިމާސްކުރަމުންނެވެ. މިއީ ވަރަށް މުހިއްމުވެސް ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ. ކޮރޯނާވައިރަހުގެ ނުރައްކާތެރި ރޯގާބަލިމަޑުކަމުން ރައްކޭތެރިވެވޭން އޮތް މުހިންމު އެއް ކަމަކީ ގިނަގިނައިން އަތް ދޮވުމެވެ. އާންމު ސާފުތާހިރު ކަމެކެވެ. އެކަމަށް ބާރު އެޅުމުގެ ގޮތުން ސިއްހީ މާހިރުންނާއި ކަމާގުޅުންހުރި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ތަފާތު ގޮތްގޮތަށް މެސެޖްތައް ދެމުންނެވެ.

އިއްޔެއަކީ "ގްލޯބަލް ހޭންޑް ވޮޝިންގް ޑޭ" ނުވަތަ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އަތްދޮންނަ ދުވަހަށްވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ދުވަހާ ގުޅޭ މެސެޖުތައް ހިއްސާކޮށްފައެވެ. މިގޮތުން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެންދިޔައީ "ބީ ލައިކް މަރިޔަނބު" ނުވަތަ މަރިޔަނބުހެން އުޅެބަލާށޭ ކިޔާފައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަށެވެ.



އެޗްޕީއޭއިން ނެރުނު އެ ވީޑިއޯގައި ބުނެދޭން އުޅެނީ އަތް ދޮވުމުގެ މުހިއްމުކަމުގެ ވާހަކަކަން ޔަޤީނެވެ. މަޝްހޫރު ފިލްމީތަރީ އައިމިނަތު ރަޝީދާގެ އެކްޓިންގ ވަރަށްވެސް ފުރިހަމައެވެ. ވީޑިއޯގައި ދޭން ބޭނުންވި މެސެޖު ލިބިއްޖެއެވެ. އަތްދޮވުމުގެ މުހިންމުކަން އެނގިއްޖެއެވެ.

ނަމަވެސް މިވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން، އެ ވީޑިއޯ ބެލި މީހުންނަށް އެ މާ "ސަޅި" އެއްޗަކަށް ނުވިއެވެ. ނޫނީ އެ ވިޑިއޯގެ "ކޮންސެޕްޓް" ނޫނީ ޚިޔާލު އެހާ ސަޅި އެއްޗަކަށް ނުވިއެވެ. އެންމެންވެސް ދައްކަނީ އެ ވީޑިއޯގެ "ފީކަޅާ" ވާހަކައެވެ. އެވެސް ދޮގެއް ނޫނެވެ. ވީޑިއޯއިން އަތްދޮންނަން ބާރު އެޅުމުގެ މެސެޖު ދިނަސް، އެ މެސެޖު ދެނީ ވަރަށް ހަރުކަށިކޮށެވެ.

ވީޑިއޯއިން ފެންނަ މަރިޔަނބު އަތްދޮންނާށޭ ކިޔާފައި ފެންނަހާ މީހެއްގެ ނޫނީ ޖެހުނު މީހެއްގެ ގައިގާ ނޫނީ އަތުގައި ތަޅަމުން ދުވަނީއެވެ. ފިރިއަކަށް ދަރިއަކަށް ބެލުމެއް ނެތްތާނގައި، މަގުމަތިން ފެންނަހާ ބައެއްގެ ގައިގާވެސް ތަޅަނީއެވެ. ތަންކޮޅެއް އާދައިގެ ބަހުރުވައަކުން ބުނާނަމަ މި ވިޑިއޯގައި ދައްކާ މަރިޔަނބަކީ ވަރަށް "ގޮތެއް ފޮތެއް ނެތް" މަރިޔަނބެކެވެ. އެއީ މާ އަވަހަށް އަތް އިސްކުރާ ވެސް މަރިޔަނބެކެވެ. ތުއްތު ކުދިންނަށް މި ވިޑިއޯ ދައްކާފައި ބުނަން ޖެހޭނީ އެއީ ވަރަށް "އައްޗި" މަރިޔަނބެއް ކަމަށެވެ. "ތޮޅޭ" މަރިޔަނބެއް ކަމަށެވެ.

ވީޑިއޯއަށް ކޮމެންޓްކުރި މީހުން ބުނީ މިއަށްވުރެ ރަނގަޅަށް މި މެސެޖު ދެވެންޖެހޭނެކަމަށެވެ. އަދި މި ވީޑިއޯއިން އަންހެނުންނަކީ ހަރުކަށި، އަނިޔާވެރި ބައެއްގެ ގޮތުގައި ސިފަކޮށްދޭކަމަށް ބައެއް މީހުން ބުނެފައިވެއެވެ.







އެޗްޕީއޭގެ "ބީ ލައިކް މަރިޔަނބު" ވީޑިއޯ މީހުންނަށް ކަމުނުދިޔަޔަސް، އެވީޑިއޯގައި ދޭން އުޅުނު މެސެޖަކީ ރަނގަޅު މެސެޖެކެވެ. އަތްދޮވުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި، ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިކުރުމަށް މުހިއްމުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ބިރިވެރި ކޯވިޑުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ މުހިންމު އެއް ކަމަކީ އަތްދޮވުންކަމުގެ މެސެޖް ދެވެއެވެ. ނަމަވެސް އެޗްޕީއޭގެ ވީޑިއޯއިން ފެންނަ ގޮތަށް މީހުންނަށް އަނިޔާކޮށްގެން، ގަދަބާރުން އަތްދޮންނަން ބާރު އަޅައިގެންވާނެ ފައިދާއެއް ނެތެވެ. އެއީ އެކަން ކުރާން ދަސްކޮށްދޭން ހެއުވާވަރުގެ ގޮތެއްވެސް ނޫނެވެ.

އަމްދުން ކުޑަކުދިންނަށް މިފަދަ ވިޑިއޯއަކުން ލިބޭ ރަނގަޅު މެސެޖަށްވުރެ އޭގައި ހާމަކަންބޮޑު ގޮތެއްގައި ދެވޭ ނުބައި މެސެޖް މާ އަވަހަށް ކުދިންގެ ޅަ ސިކުނޑި ތަކަށް ވަންނާނެއެވެ. ހަމަގައިމުވެސް މިއީ ބޮޑު ހޭދައެއްކޮށްގެން ބަޔަކު ލައްވާ ކުރުވާ މަސައްކަތަކަށް ވިޔަސް މީގެ ފަހަތުގައި މިކަން ބަލައި މެސެޖްތައް ފޯރުކޮށްދޭނެ ކޮންސެޕްޓް ރާވައި ކަނޑައަޅާނެ، ޒިންމާދާރު ވިސްނުންތެރި ކަމުވޮށިގެންވާ ބަޔަކު ތިބޭނެއެވެ.

ކޮންމެއަކަސް މިފަހަރު މިއޮތީ އެބޭފުޅުންގެ "ބީ ލައިކް މަރިޔަނބު" ސީދާ އަތަށް ގޮވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޢެސްކޮބާ

18-Oct-2020

ތީގަ އަނެއްކާ އަތް ނުދޮވެ ހުންނަ މީހާ ގެ އަތުގައި އަތްލާތަން ދައްކާ އިރުގަ ކޮވިޑް ޖެހިފަ ހުންނަ މީހެއްގެ ގައިގަ އަތްލުމަކީވެސް ނުރައްކާތެރި ކަމެއް ދޯ .އަތް ދޮންނާށޭކިޔާފަ ޖެހުނު މީހެއްގައިގަ އަތްލާތަން މިދައްކަނީ



ޓްރެންޑިން