ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން އިންތިހާޔަށް ފަސާދަވެ، ޤައުމަށް ނުރައްކާވާން ފަށާފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ބޭއްވި ތާރީޚީ ބައްދަލުވުމަށް އިޝާރާތް ކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އިމްރާން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، އިދިކޮޅު ހުރިހާ ސިޔާސީ ފިކުރުތަކެއް އެކުވެ މަސައްކަތް ކުރަން ފަށަނީ، ހިނގަމުންދާ ވެރިކަން އިންތިހާޔަށް ފަސާދަވެ، ޤައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ނުރައްކާތެރި ކަންކަން ކުރިމަތިވާން ފެށުމުން ކަމަށެވެ

ފެހި ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން އިންތިޚާބުކުރި ތިން ރައީސުން އެކީގައި ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަތުމަކީ، ރައީސް މުޢިއްޒުގެ ވެރިކަން އެ ދަރަޖައަށް ފަސާދަވެފައިވާ ކަމުގެ ނިޝާނެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

"އެ ތިން ބޭފުޅުންގެ ގޮވާލުން ތަކުރާރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ކޯޓު މެދުވެރިކޮށް ނެރުއްވާފައި އޮތް އަމުރު ބާތިލުކުރުމަށާއި، ނުޤަވާޢިދުން ހިފާހައްޔަރުކޮށްފައިވާ ނޫސްވެރިޔާ މިނިވަންކުރުމަށް ގޮވާލަން!" އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު