އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ކަންކަން ގޯހުން ގޯހަށް ކުރިއަށްގެންދަވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖޭގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްްޖޭގެ ނޫހަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކުރެއްވުމަށްފަހު އެކުގައި ނުކުންނެވުމަކީ ޤައުމަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ފައްޔާޒް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްވެގެން އައި ފަހުން ޤައުމުގައި އުފެދުނު އެންމެ ނުފޫޒުގަދަ ތިން ސިޔާސީ ލީޑަރުން އެއްގަލަކަށް އަރައި، ސަރުކާރުގެ ނޭދެވޭ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުއްލަވަން ފެއްޓެވުމަކީ ޤައުމުގެ މަސްލަޙަތަށްޓަކައި ލިބުނު ހިތްހަމަޖެހުމެކެވެ.

އަދި މި ވަރުގަދަ ތިން ޝަޚްޞިއްޔަތުގެ ގުޅިފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށާއި ރައްޔިތުންނަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު