އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް : ކޮންމެ ފީފާ އަކަށް 1.2 ފީފީ ލާނަން
އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް : ކޮންމެ ފީފާ އަކަށް 1.2 ފީފީ ލާނަން
އެމެރިކާގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތެޔޮ ރިޒާވް (އެސް.ޕީ.އާރު) އިން މިހާރު ނެރެމުންދާ ކޮންމެ ފީފާއެއްގެ ބަދަލުގައި، މަދުވެގެން 1.2 ފީފާގެ ތެޔޮ އަލުން ރިޒާވަށް އިތުރުކުރެވޭނެ ކަމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވެއްޖެއެވެ. ސަބީން ޕާސްގައި ބޭއްވި ހަކަތައާ ބެހޭ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައިޓް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރިޒާވުން ނެގި މިންވަރަށްވުރެ އިތުރަށް ތެޔޮ އަޅައި، ކުރިއަށްވުރެ ވެސް ރިޒާވް މުއްސަނދިކުރުން ކަމަށެވެ.

އެމެރިކާގައި ތެލުގެ އަގު ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، ޤައުމީ ސަލާމަތަށްޓަކައި ކުއްލި ކާރިސާތަކަށް ތައްޔާރުވެފައި އޮތުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

1970ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ދަތިކަމާ ގުޅިގެން އުފެއްދި މި ރިޒާވަކީ، ހަނގުރާމައެއް ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ތެޔޮ ލިބުމަށް ދަތިވާ ހާލަތްތަކުގައި ބޭނުންކުރުމަށް ގަލްފް ކޯސްޓުގެ ބިމުގެ އަޑީގައި ރައްކާކޮށްފައިވާ ސާފުނުކުރާ ތެލެވެ.

ރައިޓް ވިދާޅުވި ގޮތުގައި، ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލިފައިވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އަދި މިހާރު ތެލުގެ އަގު ހުރީ ސަރުކާރުން އުއްމީދުކުރާ މިންވަރަށްވުރެ ބޮޑުކޮށް ކަމަށް އޭނާ އެއްބަސްވެލެއްވިއެވެ. މިގޮތުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރަށް ބައެއް ލޮޅުންތައް އަރާފައިވާކަން ފާހަގަކުރައްވައި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ޤުދުރަތީ ގޭހުގެ ރިޒާވް ބޮޑުވުމުގެ ސަބަބުން، ޤައުމުގެ އެތެރޭގެ އަގުތަކަށް ބަދަލެއް ނައިސް ގޭސް އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވިދާނެ ކަމަށް ރައިޓް ވިދާޅުވިއެވެ. މިހާރު އުފައްދާ ގޭހުގެ 20 އިންސައްތަ އެކްސްޕޯޓް ކުރާއިރު، ކުރިމަގުގައި އެ މިންވަރު ދެގުނަ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަކަތައާ ބެހޭ މާހިރުން ދެކޭގޮތުގައި، ސަރުކާރުގެ މި ނިންމުމަކީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އެމެރިކާގައި ހުރިކަން ބާޒާރަށް ޔަގީންކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުވެ، ބާޒާރުގެ ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު