ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހެޔޮ ބަދަލުތަކާއި، ރައްޔިތުންގެ ލާބައަށް ކުރެވުނު ކޮންމެ މަސައްކަތެއްގެ ފަހަތުގައި އޮތީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ރޭ ބޭއްވި 'ބޮޑުބަދަލު' ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ގައުމުގެ މިސްރާބު ބަދަލުކޮށްލި އިސް ބާރަކީ އެމްޑީޕީ ކަމާމެދު އެއްވެސް ބަހުސެއް ނެތް ކަމަށެވެ. އަދި ކުރިމަގުގައިވެސް ރާއްޖެއަށް އަންނާނެ ބޮޑެތި ކުރިއެރުންތައް ގުޅިފައިވަނީ އެމްޑީޕީގެ ސިޔާސަތުތަކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒްގެ ވާހަކަފުޅުގައި، އެމްޑީޕީން ހުށަހަޅާ އިސްލާހީ ބަދަލުތަކަކީ ސީދާ ރައްޔިތުންގެ ކުރިމަތީގައި ހިންގާ ހަރަކާތްތަކަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިގޮތުން ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް، މި ބަދަލުތަކަށް ތާއީދުކުރައްވާ ބޭފުޅަކު އައުން މުހިންމުކަން ފާހަގަކުރައްވައި، އެ މަގާމަށް އެންމެ އެކަށީގެންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ވާދަވެރި ބައެއް ކެންޑިޑޭޓުން މި ބަދަލުތަކަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދޭ ކަމަށެވެ.

އެހެންކަމުން، ޕާޓީގެ މެންބަރުން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ރައީސް ނަޝީދަށް ތާއީދުކޮށްދެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު