ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
މިއަހަރު ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ވެރިކަން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ސަރުކާރުން ވަރުގަދަ ޗެލެންޖެއް ރައްދުކޮށްފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގެ އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ހިނގަމުންދާ އަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމާ ގުޅިގެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރަސް އޮންލައިން" އިން ވަނީ ނަޝީދަށް ސަރުކާރުން ދޭ ރަސްމީ ރައްދަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ރައީސް ނަޝީދަށް އެކަން ކުރެއްވޭނަމަ އެ މަސައްކަތާއިގެން ކުރިއަށް ވަޑައިގަތުމަށެވެ.

"މިއަހަރު ނިމެން އެބައޮތް ގާތްގަނޑަކަށް ހަ މަސްވަރު. އިނގޭތޯ ބައްލަވާލައްވަމާ ހިނގާ އެކަން ވޭތޯ. އެކަމަކު ނުވެއްޖެއްޔާ ޒިންމާދާރު ކުރުވާނަންތޯ އެބޭފުޅާވެސް؟" ތަރުޖަމާނު ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މީޑިއާގެ މެންބަރުން ތިބޭނީ މިކަން ވަރަށް ގާތުން ބަލަން ކަމަށާއި، ރައީސް ނަޝީދު ވިދާޅުވި ގޮތަށް މިއަހަރުގެ ތެރޭގައި ވެރިކަން ބަދަލުނުކުރެވިއްޖެނަމަ، އަންނަ އަހަރުގެ ޖަނަވަރީ މަހު ބާއްވާ ފުރަތަމަ ޕްރެސްގައިވެސް އެ ސުވާލު އެމަނިކުފާނާ ކުރަންވާނެ ކަމަށެވެ.

މުންދު މިހެން ވިދާޅުވެފައިވާއިރު އައްޑޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޞާދިޤް (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ސަމާސާއަކަށް ދައްކަވާ ވާހަކައެއް ނޫން ކަމަށާއި، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރައްވާނެ ކަމަށެވެ. އަދި ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން މިހާރުވެސް ތިއްބެވީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި، ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ ގަރާރުގައި ސޮއިކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި، އެ ގަރާރު މަޖިލީހަށް ހުށަހަޅާއިރު އެންމެ ފުރަތަމަ އޮންނާނީ އެމަނިކުފާނުގެ ސޮއިކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވިއެވެ.

މަޖިލިސް ތެރެއިން ސިއްރިއްޔާތުގައި ރޭވިގެން ބޮޑެތި ސިޔާސީ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި، ވޯޓުލާ ހިސާބުން ސަރުކާރު ހިންގާ ކޯލިޝަންގެ އެތެރޭގައި ހުރި ރޫޅުންތަކާއި ނުތަނަވަސްކަން ފާޅުވެ، ބަރުލަމާނީ މައިދާނުން ސަރުކާރަށް ބޮޑު ސިހުމެއް ލިބިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު