ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީގެ އެތެރޭގެ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމަނިކުފާނާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ދެމެދު އޮތް ގާތް ގުޅުމަށް ބަދަލުތަކެއް އައިސް، އެމްޑީޕީން ވަކިވެވަޑައިގަންނަވަން ޖެހުނު ސަބަބުތަކުގެ ތަފްސީލު މިއަދު ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނާއި ރައީސް ޞާލިޙަކީ ކުޑައިރުއްސުރެ އެއް ތަށިމަތިން ކައިބޮއި، ބޮޑުވި ވަރަށް ގާތް ދެ ރަޙްމަތްތެރިންނެވެ. ނަމަވެސް، ކޮވިޑް-19 ގެ ދުވަސްވަރަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް އައިސް، ފަހުން ރައީސް ޞާލިޙް އެމަނިކުފާނާ ސިޔާސީ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވައި ބަސްނުދައްކަވާ ހުންނެވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދެވުނު ނުރައްކާތެރި ބޮމުގެ ޙަމަލާއަށްފަހު ކަންޑިނެޅި ގޮތާއި، އޭގެ ތަޙުޤީޤުތައް ކުރިއަށްދިޔަ ގޮތްތަކާ މެދުވެސް ހިތްހަމަޖެހިވަޑައިނުގެން ހުންނެވިކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

އަދި ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ބޮޑުވެ، އެމަނިކުފާނުގެ އަރިސް ބޭފުޅުން ކަމުގައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަކިކުރި ހިސާބުން ކަންކަން މުޅިން ބަދަލުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޢަލީ އާޒިމް ވަކިކުރުމަށްފަހު، އެމަނިކުފާނުގެ އަރިސް އެހެން މެންބަރުން ކަމަށްވާ ޙަސަން ލަޠީފާއި، އީވާ ޢަބްދުﷲ އާއި، އިލްޔާސް ލަބީބްގެ އިތުރުން މުޙައްމަދު ވަހީދު (ވައްޑޭ) ވެސް ޕާޓީން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހެޅުމުން، އެކަމާ ގަންނަންޖެހުނު ލަދެއްގެ ބޮޑުކަމުން ޕާޓީ ދޫކޮށްލުން ނޫން އެހެން ގޮތެއް އެ ބޭފުޅުންނަށް ނެތް ކަމަށެވެ.

އަދި އެ ހިސާބުން އެމަނިކުފާނުވެސް ޕާޓީގައި ހުންނެވޭނެ އެއްވެސް ޖާގައެއް ނެތުމުން، އެމްޑީޕީއާ ދުރަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވީ ކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު