ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް މިހާރު އިތުރަށް ބަދަހިވަމުން އަންނަކަމަށާއި، އޭގެ ފައިދާ ވެސް ލިބެމުން އަންނަކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

1442 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ދެމެހެއްޓުންކަމަށެވެ. ހުރިހާ ޤައުމަކާއެކު ވެސް ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަމަށާއި، އަދި ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދުގެ ދުނިޔޭގެ ފިކުރިއްޔާތަކީ، އަދި ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ ގުޅިލާމެހިފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢެއްގެ ވިސްނުންކަން ފާހަގަކުރަށްވައި ރައީސް ވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތް ހާލަތު ބަޔާންކޮށްދެއްވާފައެވެ. މި ގޮތުން، އެ ވަގުތު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢާ ވަރަށް ބޮޑަށް އެކަހެރި ވެފައިކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެން ހުރި އެތަކެއް މަންފާއަކާއި އެހީއަކުން މަޙްރޫމުވެފައިކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް މިހާރު އިތުރަށް ބަދަހިވަމުން އަންނަކަމަށާއި، އަދި އޭގެ ފައިދާ ވެސް ލިބެމުން އަންނަކަން ރައީސް އިބްރާހިމް ފާހަގަކުރެއްވިއެވެ. އޭގެ މިސާލެއްގެ ގޮތުން ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުން ލިބެމުން އަންނަ އެހީތެރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ޤައުމީ ދުވަހުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް ވިދާޅުވީ މިފަދަ ޤައުމީ މުނާސަބަތެއްގައި އަޅުގަނޑުމެން އަދާކުރަންޖެހޭ އެންމެ މުހިންމު ޤައުމީ ވާޖިބަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އައުކުރުމާއި، ބޮޑުތަކުރުފާނާއި އަދި އެކި ދުވަސްވަރު، ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޤުރްބާންވެވަޑައިގެންނެވި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ ބަޠަލުންނަށް ހެޔޮ ދުޢާކުރުންކަމަށެވެ. ހަމަ އެހެންމެ މިއަދުވެސް ދިވެހިންނަށް ލިބޭ ފަޚުރާ ހިތްހަމަ ޖެހުމަކީ ޤައުމަށްޓަކައި، އަދި ރައްޔިތުންގެ ދިފާޢުގައި ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ޤައުމުގައި ސާބިތުވެ އޮތުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސް ހަނދާން އައު ކޮށްދެއްވިއެވެ. އަދި އެކަންކުރެވޭނީ މިހާރުގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެއްދިގެންކަން ފާހަގަކުރައްވައި، އެގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޤައުމީ ޒިންމާ އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ އެދުވަހަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުންދިޔަތާ 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސްކަމުގައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު


13

އައްބެ

19-Oct-2020

ތިކަމުން އެންގިގެން ދަނީ ސަރުކާރުގެ ސިޔާސަތު ހަރުދަނާ ކަން ވަރައް ރަންގަޅު


-7

އަލިބެ

19-Oct-2020

ތިކަމުން އެންގިގެން ދަނީ ސަރުކާރުގެ ހަރުދަނާ ކަމެވެ


3

ާކާމިލު

19-Oct-2020

މަރްހަބާ މަރްހަބާ ބޮޑު ކުރިއެރުމެއް



ޓްރެންޑިން