ރޭގެ މެޗުގައި ފެނާންޑޭޒްގެ ޕެނަލްޓީ ކީޕަރ ދިފާޢު ކުރަނީ
ރޭގެ މެޗުގައި ފެނާންޑޭޒްގެ ޕެނަލްޓީ ކީޕަރ ދިފާޢު ކުރަނީ
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރގެ ދެޓީމުން ކުޅުނު މެޗްތައް ކާމިޔާބު ކޮށްފިއެވެ. އެގޮތުން މެންޗެސްޓަރ ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދާފައިވާއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗް ކާމިޔާބުކުރީ ފަހަތުން އަރައި ނިއުކާސަލް ބަލިކޮށްގެންނެވެ.

ރޭގެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 2 ވަނަ މިނެޓްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ނިއުކާސަލް މެޗްގެ ލީޑް ހޯދިއެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުގައި ޔުނައިޓެޑުގެ ފޯވާޑް ރަޝްފޯޑަށް ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލްކުރުމާއި ގުޅިގެން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭސް ފޮނުވާލުމުން ނިއުކާސަލް ޔުނައިޓެޑްގެ ކީޕަރ ވަނީ ދިފާޢުކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ވެން ބިސާކާ ކާމިޔާބުކޮށްދީފައި ވާއިރު ހަަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރަޝްފޯޑްއެވެ.

ރޭ މެންޗެސްޓަރ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ސިޓީއެވެ.

މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ. މެޗުގެ ތަރިއަކަށްވީ އާސެނަލުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވި ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ.

ރޭގެ މެޗްތަކުގެ ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 6 ޕޮއިންޓާއެކު ޕްރިމިއަރ ލީގު ތާވަލްގެ 14 ވަނައިގައެވެ. އަދި މެންޗެސްޓަރ ސިޓީ އޮތީ 7 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން