ދިވެހިން ގޮސް އުޅޭ ބެންގަލޫރުން އިބޯލާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިގެން ކަރަންޓީނުކޮށްފި
ދިވެހިން ގޮސް އުޅޭ ބެންގަލޫރުން އިބޯލާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިގެން ކަރަންޓީނުކޮށްފި
އިބޯލާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އިންޑިއާއިން ފެނިގެން ކަރަންޓީނުކޮށްފިއެވެ.

މި ބައްޔަށް ޝައްކުކުރެވިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައިވަނީ ޔުގެންޑާއިން އެ ގައުމަށް ދަތުރުކުރި އުމުރުން 28 އަހަރުގެ އަންހެނެކެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އޭނާގެ ހާލަތު މިވަގުތު ސްޓޭބަލް ނަމަވެސް، ބަލި ޖެހިފައިވޭތޯ ޔަގީންކުރުމަށްޓަކައި ސާމްޕަލްތައް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ވަނީ ފޮނުވާފައެވެ. އަދި މިއީ އަދި ކަށަވަރުވެފައިވާ ކޭހެއް ނޫން ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި އަންހެން މީހާ އިންޑިއާއަށް އެތެރެވިއިރު އެއާޕޯޓް ސްކްރީނިންގް އިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާއަކީ އިބޯލާ ފެތުރެމުންދާ ގައުމަކުން އައި މީހަކަށްވާތީ، ކަމާބެހޭ އިދާރާތަކުން ދިޔައީ އޭނާގެ ހާލަތު މޮނިޓަރު ކުރަމުންނެވެ.

އެގޮތުން އިންޑިއާއަށް އައިތާ 24 ގަޑިއިރު ފަހުން އޭނާގެ ހަށިގަނޑުގައި ރިއްސުން ފަދަ ލުއި އަލާމާތްތަކެއް ފެންނަން ފެށުމުން ވަނީ އެކަހެރިކޮށްފައެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ނަމަވެސް، އުސޫލުތަކާ އެއްގޮތަށް 48 ގަޑިއިރުގެ އޮބްޒަވޭޝަނަށްފަހު ދެވަނަ ޓެސްޓެއް ހަދާނެއެވެ. އަދި އޭނާ ދޫކޮށްލާނީ ދެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވްވުމުންނެވެ.

މި އެލާޓް ނެރެފައިވަނީ އިންޑިއާގައި އިބޯލާގެ އެއްވެސް ކޭހެއް ނެތް ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. މިހާރު އެފްރިކާގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ އިބޯލާގެ ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

އިންޑިއާއިން އެންމެ ފަހުން އިބޯލާގެ ކޭހެއް ރިޕޯޓްކޮށްފައިވަނީ މީގެ 12 އަހަރު ކުރިން، 2014 ގައެވެ. އިދާރާތަކުން މިހާރު ދަނީ ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާ އެއްގޮތަށް ސަވައިލަންސް އަދި ސްކްރީނިންގް ވަރުގަދަކުރަމުންނެވެ. އަދި އާންމުން ބިރުނުގަތުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް އޮފިޝަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު