އުތުރު އެމެރިކާގެ ސިއްހީ އިދާރާތަކުން ހާމަކުރާ ގޮތުގައި، މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 އަށް އެބޯލާ ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންނަމަވެސް، މުބާރާތުގެ ތެރޭގައި ބަލީގެ ކޭސްއެއް ފެނިއްޖެނަމަ، އެކަން ދެނެގަނެ ކޮންޓްރޯލް ކުރުމަށްޓަކައި ފުޅާދާއިރާއެއްގައި ތައްޔާރީތައް ވަނީ ވެފައެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ސްޓޭޑިއަމްތަކަށް މިލިއަނުން ފޭނުން ޒިޔާރަތް ކުރަމުންދާއިރު، އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ދަނީ ގައިން ގަޔަށް އަރާ ބަލިތައް މޮނިޓަރ ކުރުމުގެ މަސައްކަތް ވަރުގަދަ ކުރަމުންނެވެ. ކޮންގޯގައި އެބޯލާ ފެތުރެމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މާހިރުން ބުނަނީ މި ބަލީގެ ސަބަބުން ވޯލްޑް ކަޕްގެ ބައިވެރިންނަށާއި ބަލަންދާ މީހުންނަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ބަލިތަކާ ބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، އެބޯލާއަކީ ވައިގެ ޒަރީއާއިން ނުވަތަ އާދައިގެ ބައްދަލުވުންތަކުން ފެތުރޭ ބައްޔެއް ނޫނެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗަކާ ސީދާ ދިމާވުމުންނެވެ.

ކޮންގޯގައި މިހާރު ފެތުރެމުންދާ މި ބަލީގައި އެތައް ސަތޭކަ ބަޔަކަށް ބަލިޖެހި، ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމީ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ވޯލްޑް ކަޕް ބާއްވާ ގައުމުތަކަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށެވެ.

2014 ވަނަ އަހަރު ހުޅަނގު އެފްރިކާގައި އެބޯލާ ފެތުރުނު ދުވަސްވަރު އެމެރިކާގެ ހޮސްޕިޓަލްތަކުން ފެނުނު ބަލިކަށިކަންކަމަށް ރިއާޔަތްކޮށް، މިހާރު ވަނީ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. ސިއްހީ މަސައްކަތްތެރިން ތަމްރީނުކުރުމާއި، ސްކްރީން ކުރުމުގެ ނިޒާމު ރަނގަޅުކުރުމުގެ އިތުރުން، ނުރައްކާތެރި ބަލިތަކަށް ފަރުވާދޭނެ ހާއްސަ މަރުކަޒުތައް ވަނީ ގާއިމުކޮށްފައެވެ.

މުބާރާތް ބާއްވާ ސިޓީތަކުގެ ހޮސްޕިޓަލްތަކުން ވަނީ މިފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބާއްވައި، އަމަލުކުރާނެ އުސޫލުތައް މުރާޖައާކޮށްފައެވެ. މީގެ އިތުރުން، އިންފްލުއެންޒާ، ކޮވިޑް-19 އަދި ހިިިިމަބިހި ފަދަ އަވަހަށް ފެތުރޭ ބަލިތަކަށްވެސް ސިއްހީ އިދާރާތަކުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި ބަލި ފެތުރޭ ގައުމުތަކުން އަންނަ މީހުން ސްކްރީން ކުރުން ހިމެނެއެވެ. ފީފާގެ މެޑިކަލް ޓީމުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކޮންމެ ސިޓީއެއްގައިވެސް ދަނީ ބަލިތައް މޮނިޓަރ ކުރަމުންނެވެ.

މާހިރުން ބުނާ ގޮތުގައި އެއްވެސް ބޮޑު ހަރަކާތެއްގައި ސިއްހީ ހުރިހާ ނުރައްކަލެއް އެއްކޮށް ނައްތައެއް ނުލެވޭނެއެވެ. ނަމަވެސް، ގިނަ އަހަރުތަކެއްގެ ރޭވުންތަކާއި ރަނގަޅު ކުރެވިފައިވާ ސިއްހީ ވަސީލަތްތަކުގެ ސަބަބުން، ކުރިއަށްވުރެ ބޮޑަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ވޯލްޑް ކަޕް ކުރިއަށްދާއިރު، އާންމު ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި މިވަގުތު އެބޯލާގެ ސަބަބުން މުބާރާތަށް ބޮޑު ނުރައްކަލެއް އޮތް ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް