ސީ.އައި.އޭ ގެ ކުރީގެ އިސް އޮފިޝަލަކު އަތުން ސީޒް ކޮށްފައި ހުރި 40 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ރަން
ސީ.އައި.އޭ ގެ ކުރީގެ އިސް އޮފިޝަލަކު އަތުން ސީޒް ކޮށްފައި ހުރި 40 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ރަން
އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީ.އައި.އޭ) ގައި އިސް މަގާމެއް ފުރާފައިވާ ކުރީގެ އޮފިޝަލަކު، އެ އިދާރާއަށް ނިސްބަތްވާ 40 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ރަން ތަކެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެ، އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ޕްރޮސެކިއުޓަރުން ކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ވާޖިނިއާއަށް ނިސްބަތްވާ ޑޭވިޑް ޖޭ. ރަޝްގެ މައްޗަށެވެ. އޭނާއަކީ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ ކްލިއަރެންސް އޮތް، ނުފޫޒުގަދަ މަގާމުތަކެއް ފުރާފައިވާ ފަރާތެކެވެ. ރަޝް މަސައްކަތް ކުރީ ސީ.އައި.އޭ ގެ "ޑައިރެކްޓަރޭޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ" ގައެވެ. މިއީ ޖާސޫސީ މަސައްކަތްތަކަށް ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ތަރައްޤީކުރާ މުހިންމު ދާއިރާއެވެ.

ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، ރަޝް ވަނީ އެ އިދާރާއަށް ނިސްބަތްވާ އެއް ކިލޯގެ 303 ރަން ބާރ ވަގަށް ނަގައި، އޭނާ ދިރިއުޅޭ ވާޖިނިއާގެ ގޭގައި ފޮރުވާފައެވެ. މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު އޭނާގެ ގެ ބަލައި ފާސްކުރިއިރު، މި ރަން ތަކުގެ އިތުރުން 2 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި، ރޮލެކްސް ފަދަ އަގުބޮޑު ބްރޭންޑްތަކުގެ 35 އަތުކުރީ ގަޑި ވެސް ވަނީ ފެނިފައެވެ. މި ރަން ތަކުގެ މިހާރުގެ ބާޒާރު އަގު 40 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

ރަންތައް ވަގަށް ނެގުމުގެ އިތުރުން، އޭނާގެ ތައުލީމީ ފެންވަރާއި އަސްކަރީ ޚިދުމަތާ ގުޅޭގޮތުން އިސްވެރިންނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން، އޭނާ ހާސިލުކޮށްފައި ނުވާ ޔުނިވަރސިޓީ ޑިގްރީތަކެއް ހުރިކަމަށް ދެއްކުމާއި، ނޭވީ ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ބުނެ އޮޅުވާލުމާއި، އަސްކަރީ ޗުއްޓީގެ ނަމުގައި ނަހަމަ ގޮތުގައި 77,000 ޑޮލަރުގެ އިނާޔަތް ހޯދާފައިވާކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.

ސީ.އައި.އޭ އާއި އެފް.ބީ.އައި އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މޭ މަހުގެ 19 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ ސީ.އައި.އޭ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ އިދާރާގެ އެތެރޭގެ ތަހުޤީގަކުން މިކަން ފާހަގަކުރެވުމުން، ޑައިރެކްޓަރު ޖޯން ރެޓްކްލިފް ވަނީ މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް އެފް.ބީ.އައި އާ ހަވާލުކުރައްވާފައެވެ.

ކޯޓަށް ހުށަހެޅި ބަޔާނުގައިވާ ގޮތުން، ރަޝް ބުނެފައިވަނީ އެ ފައިސާއަކީ "މަސައްކަތާ ގުޅުންހުރި ޚަރަދުތަކަކަށް" ބޭނުންވާ ތަކެތި ކަމަށެވެ. ނަމަވެސް، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް އޭނާ ތަކުރާރުކޮށް ރަނާއި ނަގުދު ފައިސާ ހޯދުމަށް އެދިފައިވާކަން އެފް.ބީ.އައި އިން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދައުވާގައި ހައްޔަރުކޮށްފައިވާ ރަޝް މިހާރު ހުރީ އެމެރިކާގެ މާޝަލް ސަރވިސްގެ ބެލުމުގެ ދަށުގައެވެ. އޭނާ ބަންދުގައި ބަހައްޓާނެތޯ ނިންމުމުގެ އަޑުއެހުން ޖޫން މަހުގެ 5 ވަނަ ދުވަހަށް ވަނީ ތާވަލުކުރެވިފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާ ސަރުކާރުގެ މުވައްޒަފުންގެ ފަސްބައި ބެލުމުގެ ނިޒާމުގެ ހަރުދަނާކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު