ފައްޔާޒު އިސްމާއިލް
ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކައިރިވެފައިވަނިކޮށް، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިދާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު ޕާޓީ ދޫކުރެއްވި ސަބަބުތަކާއި، އިންތިހާބުގެ ނަތީޖާއާ ގުޅުވައިގެން އެމަނިކުފާނަށް އަމާޒުކުރާ ސުވާލުތައް ތަކުރާރު ނުކުރުމަށް ފައްޔާޒު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި، ޕާޓީން ވަކިވެވަޑައިގަތުމާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް އިންތިހާބު ނާކާމިޔާބުވެއްޖެނަމަ އެކަން ތަކުރާރުވެދާނެތޯ އާންމު މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރައްވައެވެ.

މިކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، ޕާޓީ ދޫކުރެއްވި ސަބަބާ ގުޅޭގޮތުން އެތައް ފަހަރަކު ޖަވާބު ދެވިފައިވާ ކަމަށެވެ. އަދި މިފަދަ ސުވާލުތައް ތަކުރާރުކުރުމަކީ ޕާޓީގެ އިސް ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން މަޖުބޫރުވެ، ޕާޓީގެ ތެރޭގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދިއުން ކަމަށެވެ. އެމްޑީޕީގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރު ވެރިކަން ހޯދައި، އަނިޔާވެރިކަން ނައްތާލައި، އަމާން އަދި ހަމަޖެހޭ މުސްތަގުބަލެއް ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ހަމައެކަނި ޕާޓީގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ ދިވެހި ހުރިހާ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ މުހިންމު މަސައްކަތެއް ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި އެމްޑީޕީން މަސައްކަތް ކުރާނީ ރާއްޖެ ބަދަލުކުރާނެ ތަސައްވުރެއް ހުށަހަޅައި، އަނިޔާވެރިކަން އަނބުރާ ނާންނާނެކަން ކަށަވަރުކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު