ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި، ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ގެނެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުގައި ގިނަ ސަބަބުތަކެއް ހުރި އިރު، އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ޕާޓީގެ ތެރޭގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމާއި ބައިބައިވުން ކަމަށެވެ. އަދި އެ ބައިބައިވުމުގެ ތެރެއިން އެމްޑީޕީގެ ތެރެއިން އެހެން ޕާޓީއެއް އުފެދިގެން ދިއުމަކީ ސަރުކާރު ގެއްލުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންނަށް މާޒީއެއް ބަދަލުކުރެވޭކަށެއް ނެތް. ދެން ވިސްނަންވީ މުސްތަގުބަލު ހޯދޭނީ ކިހިނެއްތޯ. ރާއްޖޭގެ މިހާރު މި އޮތް ސިޔާސީ މަސްރަހު ބަދަލުކޮށް އެމްޑީޕީއަށް ވެރިކަން ލިބި، އަޅުގަނޑުމެން މި ކުރިއަށް ގެންދަން ބޭނުންވާ ބޮޑު ބަދަލުގެ ސިޔާސަތުތައް ރާއްޖެ ގެނެވޭނީ ކިހިނެއްތޯ ބަލާއިރު، ހަމަ ޔަގީނުންވެސް ރައީސް ނަޝީދާ އެއްކޮށް ކުރިއަށް ދިޔައިމަކަން އަޅުގަނޑަށް ޔަގީންވޭ،" އަމީރު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ދަތުރުކުރަމުން ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށާއި، އެމްޑީޕީން ގަބޫލުކުރާ ސިޔާސަތުތައް އަލުން އިއާދަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީއަށް އެކަނި ކުރެވޭނެ ފަސޭހަ ކަމެއް ނޫން ކަމަށް އަމީރު އިންޒާރު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި 2028 ކާމިޔާބު ކުރެވޭނީ އެމްޑީޕީއާ ވަކިވެގެން ދިޔަ ފަރާތްތައް އަލުން ޕާޓީއާ ގުޅި، އެންމެން އެކަތިގަނޑަކަށް ވެގެންނެވެ.

"ޒާތީ ތައައްސުބެއް ނެތި ކުރިއަށް ވިސްނާނަމަ، އެމްޑީޕީގެ ކުރީގެ އެ އޮތް ކެމްޕޭނު ފޯރިއާއި ވައިބު އަލުން ގެނެވޭނީ ރައީސް ނަޝީދާ އެކު ކުރިއަށް ދިޔައިމަކަން ގަބޫލުނުކުރާނެ އެކަކުވެސް ރާއްޖެއަކު ނުހުންނާނެ،" އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު