ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ މުޖުތަމަޢުގެ އަމާންކަމުގެ އަސާސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫޢުގެ މައްޗަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މި ޚުތުބާގައި، އިސްލާމީ މުޖުތަމަޢެއްގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި މި މުހިންމު އަސާސް ގާއިމުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

ޚުތުބާގައި ބުނީ، މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. މިއީ މުޖުތަމަޢު ނުބައި ކަންކަމުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚާއްޞަގޮތެއްގައި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބުކަން ޚުތުބާގައި ފާހަގަކުރިއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން الحج ސޫރަތުގެ 41 ވަނަ އާޔަތް ހިމަނާފައިވެއެވެ. އެ އާޔަތުގައިވަނީ، ބިމުގައި ބާރުވެރިކަން ދެއްވައިފިނަމަ، ނަމާދު ގާއިމުކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުމަކީ އެބައެއްގެ ސިފައެއް ކަމުގައެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރި ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި، މިކަންކަން އިޞްލާޙުކުރެވޭނީ އިޖުތިމާޢީ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަމުން ޚުތުބާގައި ބުނީ، މުންކަރާތެއް ފެނިއްޖެނަމަ، އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން (އަތުން، ދުލުން ނުވަތަ ހިތުން) އެކަމެއް މަނާކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ، މުޅި މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެކަމުގެ އިންޒާރު، ނަވެއްގެ މިސާލުން ބަޔާންކޮށްދިނެވެ.

އިމާމް ޣަޒާލީގެ ބަސްފުޅުތަކަށް ރިއާޔަތްކޮށް، ޚުތުބާގައި ބަޔާންކުރީ ހެޔޮ ކަންތަކަށް އަމުރުކުރުން ހުއްޓާލައިފިނަމަ، ދީނުގެ އަސާސްތައް ފުނޑުފުނޑުވެ، މަގުފުރެދުމާއި ފަސާދަ ޢާންމުވެދާނެ ކަމަށެވެ. އެހެންކަމުން، މުޖުތަމަޢު އިޞްލާޙުކުރުމަށް އެންމެހައި ފަރާތްތަކުން އަތުގުޅާލުމަށް ވަނީ ގޮވާލާފައެވެ.

ޚުތުބާ ނިންމާލަމުން، ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިން، މުދައްރިސުން، ދީނީ ޢިލްމުވެރިން އަދި ދައުލަތުގެ މަސްއޫލުވެރިން އެބައެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސްކުރިއެވެ. އަދި މުޖުތަމަޢުގެ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްފިނަމަ، މާތް ﷲގެ ރަޙުމަތާއި ބަރަކާތް ލިބިގެންދާނެ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު