މީގެ ކުރިން ބޭއްވި އެކްސްޕޯއެއްގެ ތެރެއިން
މީގެ ކުރިން ބޭއްވި އެކްސްޕޯއެއްގެ ތެރެއިން
ދުބާއި ގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮންމިކް މިނިސްޓްރީ އިން ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުބާއިގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020، ކޮވިޑް-19 އާއި ގުޅިގެން މިހާރު އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ. ހަމަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށް ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައި ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

އިކޮންމިކް މިނިސްޓްރީ އިން ބުނީ މި ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އިކޮންމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. އެކްސްޕޯގައި ހިމެނޭ ވޯލްޑް މާރކެޓް އިނިޝިއޭޓިވްގެ ކޮމާޝަލް އޮޕަޗުނިޓީ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހު ގެ މެންދުރު 12:00 ގެ ކުރިން އިކޮންމިކް މިނިސްޓްރީ  އަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުވައި ދިނުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ. ނަން ހުށަހަޅާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަން 1 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި އޮންނާނެ ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން