ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އޮފީހުގެ ސިޔާސީ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައަށް އަހަރެއްގެ މައްޗަށް 20.4 މިލިއަން ރުފިޔާ ހަރަދުކުރާކަން ހާމަވެއްޖެއެވެ.

ރައީސް އޮފީހުގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު އެ އޮފީހުން ދީފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމައުލޫމާތު ހޯދަން އާންމު މީހަކު އެދުުމުންނެވެ. ރައީސް އޮފީހުން އާންމުކުރި މައުލޫމާތު ތަކަށް ބަލާއިރު އެއޮފީހުގެ ސިޔާސީ އިސް ފަރާތްތަކުގެ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 1.7 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

މިއީ އަހަރެއްގެ މައްޗަށް 20.4 މިލިއަން ރުފިޔާއެވެ. މިގޮތުން ރައީސާއި ނައިބު ރައީސް އަދި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1.68 މިލިއަން ރުފިޔާ ހަރަދުވާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަނީ ރައީސާއި ނައިބު ރައީސަށެވެ. ޤާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް 100،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ނައިބު ރައީސަށް ލިބިވަޑައިގަންނަވަނީ 75،000 ރުފިޔާއެވެ. އެ ދެބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ކަނޑައަޅާފައިވާ މުސާރައެކެވެ.

މީގެ އިތުރުން މިނިސްޓަރު ފެންވަރުގެ 7 ބޭފުޅުން ރައީސް އޮފީހުގައި ތިއްބަވާއިރު ކޮންމެ ބޭފުޅަކަށް މަހެއްގެ މައްޗަށް 66000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަށް އެކަނި މަހެއްގެ މައްޗަށް 462،000 ރުފިޔާ ހަރަދުވެއެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރުން ފެންވަރުގެ 10 ބޭފުޅުން ރައީސް އޮފީހުގައި ތިއްބަވާއިރު އެއިން ކޮންމެ ބޭފުޅަކަށް 48،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ރައީސް އޮފީހުގެ އިސް ފަރާތްތަކުގެ ތެރެއިން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދަށް 55،000 ރުފިޔާ މުސާރައިގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވައެވެ. މީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ވެސް 13 ބޭފުޅުން އެއޮފީހުގައި ތިއްބަވާއިރު އެ ބޭފުޅުންނަށްވެސް މަހު މުސާރައިގެ ގޮތުގައި މަހަކު 559،000 ރުފިޔާ ޚަރަދުކުރެއެވެ. ރައީސް އިބްރާހިމްގެ ސަރުކާރަކީ މަތި ލުއި ސަރުކާރަކަށް ވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް ކޯލިޝަންގެ ޕާޓީތަކަށް ބައި އަޅަންޖެހުމުގެ ސަބަބުން ގިނަ ސިޔާސީ މަގާމު ތަކެއް ވަނީ އުފަންދަންޖެހިފައެވެ. އެގޮތުން މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ކެބިނެޓެއްވެސް އެކުލަވާލާފައިވަނީ ރައީސް އިބްރާހީމްގެ ސަރުކާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން