އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
ޤައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ އޮކްޓޫބަރުމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުންނަށް މިއަދު މައުލޫމާތު ދެއްވަމުންނެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހާ ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމުކުރުމެވެ. އަދި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެފަދަ ސިސްޓަމްތައް ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިޞިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް މިބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކި ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި، ސިސްޓަމްތައް ހިނގާނުހިނގާ ގޮތް ބެލުމާގުޅޭ އުސޫލުތަކާއި، ސިސްޓަމްގެ ޚިދުމަތްތަކާގުޅޭ ކަންކަމާއި، ޤާނޫނާ ގަވާއިދާ ޚިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައްވެސް މިބިލުގައިވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، ޤައުމީ ޕޭމަންޓް ސިސްޓަމް ފަދަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތަކީ މުހިއްމު މަސައްކަތެއްކަމަށާއި އެކަން މިހާރުވެސް މާބޮޑަށް ލަސްވެފައިވާކަމަށެވެ. ގަވަރުނަރު ވިދާޅުވީ މިފަދަ ނިޒާމެއް ޤާއިމްކުރުމުން އެކަމުގެ ފަސޭހަކަން ވިޔަފާރިތަކަށާއި ޢާންމުންނަށްވެސް ލިބިގެންދާނެކަމަށެވެ. ހާޝިމް ވިދާޅުވީ ޤައުމީ ޕޭމަންޓް ސިސްޓަމަކީ ރައްކާތެރި މާލީ މުޢާމަލާތްކުރެވޭނެ ނިޒާމެއްކަމަށެވެ. އަދި މިހާތަނަށް މިސިސްޓަމް ރާއްޖޭގައި ޤާއިމްކުރުން ލަސްވީ ކޯވިޑް-19އާ ގުޅިގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ބޭރުގެ މާހިރުންގެ ޓީމް އައުމުގައި ލަސްތަކެއްވުމުގެ ސަބަބުންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަޙީދެވެ. މިބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވާއިރު، ބިލު މިހާރު އޮތީ ބަހުސް މަރުހަލާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން