މާލިއްޔަތު ޤާނޫނުގެ ހުރިހާ މާއްދާތަކަށް އަމަލުކުރުން ލާޒިމުނުވާ ހުއްދައެއް ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއަށް ދީފައިނުވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ޕްރޮސެކިއުޓަރ ޖެނެރަލް، ޝަމީމުގެ ވާހަކަތަކަށް ރަށްދު ދީފިއެވެ. 

އޭސީސީން މިފަދަ ރަށްދެއް ދީފައި މިވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކުރަން އެދި ޕީޖީއަށް ފޮނުވި މައްސަލައިގައި ދައުވާކުރެވޭނެ ތަނެއް ނެތް ކަމަށާއި، ހެލްތު މިނިސްޓްރީގެ މުވައްޒަފުން އަމަލުކޮށްފައިވަނީ މާލިއްޔަތު ޤާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން ދީފައިވާ އިސްތިސްނާއެއްގެ ތެރެއިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވެ އެމައްސަލަ އަނބުރާ ފޮނުވާލި ސަބަބު ހާމަކުރަށްވައި މިއަދު ދެއްކެވި ވާހަކަ ތަކަށް ރަށްދު ދީ އޭސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން އިސްތިސްނާތަކެއް ދީ، މާލިއްޔަތު ޤަވާޢިދުގެ ބައެއް މާއްދާތަކަށް އަމަލުނުކުރަން ހުއްދަ ދީފައިވަނީ ވަކިވަކި ކަންތައްތަކަކަށް ކަމަށެވެ. އެގޮތުން 2.5 މިލިއަނަށްވުރެ އަގު ބޮޑު ތަކެތި ހޯދަން ޖެހޭތީ އެކަމާ ގުޅޭ ލިޔެކިޔުން ޓެންޑާ ބޯޑަށް ހުށަނާޅައި، މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން އެ މަސައްކަތް ނިންމުމުގެ ހުއްދައަށް ހެލްތު މިނިސްޓްރީން އެދުމުން އެ ހުއްދަ، 17 ފެބްރުއަރީ 2020 ވަނަ ދުވަހުގައި ފިނޭންސުން ދިން ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓެންޑާ ބޯޑަށް ލިޔެކިޔުން ހުށަނާޅައި އެ މަސައްކަތް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން ކުރިއަށް ގެންދަން ހުއްދަ ދީފައިވަނީ ފުރަތަމަ 17 ފެބްރުއަރީން ފެށިގެން 1 މަސްދުވަހުގެ މުހުލަތަކަށް ކަމަށާއި، ފަހުން އެ މުއްދަތު މާޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިތުރު 1 މަސްދުވަހުގެ މުހުލަތަށް ފިނޭންސުން އިތުރުކޮށްދިން ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ އުޞޫލުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްދައަކަށް ހެލްތު މިނިސްޓްރީން އެދުމުން އެފަދަ ހުއްދައެއް އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ދީފައިވެއެވެ. އެއީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ޕްރޮކިއުމެންޓުގެ ކަންކަން ހިންގުމުގައި ޓެންޑާ ބޯޑަށް ހުށަހަޅަން އޮންނަ އުސޫލުގެ ބަދަލުގައި ސިންގަލް ސޯސްކޮށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އެ މަސައްކަތްކުރިއަށް ގެންދަން ދިން ހުއްދައެއްކަން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބަންޑާރަނައިބު އެރުވި ލަފާގައިވެސް، އެޑްވާންސް ޕޭމެންޓު ގަރަންޓީއާއި ޕާފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރެވޭނީ ފިނޭންސްއިން އަންގާ ގޮތެއްގެ މަތިން ކަމުގައި ބުނެފައިވާ ކަމަށާއި، ނަމަވެސް ބެކް ޑޭޓުކޮށް އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެއްވެސް ހުއްދައެއް އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ހޯދާފައިނުވާ ކަމުގައި އޭސީސީގެ ބަޔާނުގައިވެއެވެ. އޭސީސީން ބުނީ މި މައްސަލާގައި ދައުވާކުރުން އެދި ޕީޖީއަށް ފޮނުވީ މިކަމުގައި ތުހުމަތުވާ ފަރާތްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުނު ކަމުގައި ތަހުގީގަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވިގެން ކަމަށެވެ.

ޕީޖީން  މި މައްސަލަ އަނބުރައި ފޮނުވާލުމުގައި ފާހަގަކުރެއްވި ނުކުތާތަކާ ގުޅިގެން އެމައްސަލަ މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭސީސީ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން