ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގަވައިފިއެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހީމަށް ސިޓީ ފޮނުއްވީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަމީން އިސްތިއުފާ ދެއްވީ ކޯވިޑާއި ގުޅިގެން ބޭނުންވާ ވެންޓިލޭޓަރ ގަތުމަށް ހިންގިކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެ އެމައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ރޭގައި ހުށައަޅާފައިވަނިކޮށެވެ. އަމީންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށައެޅީ އެޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި އަމީނަށް އިތުބާރު އޮތް ކަމަށް ނިންމާފައި ވަނިކޮށެވެ.

އަމީން ރައީސް އިބްރާހީމަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސިޔާސީ ގޮތުން އޭނާއަށް އަންނަމުންދާ ކަންތައްތަކަކީ ހަގީގަތުގައި އޭނާއާ ދިމާއަށް އަމާޒުވާ ކަންކަން ނޫންކަމަށް ވިދާޅުވެ އެއީ ރައީސް އިބްރާހީމަށް އަމާޒުވާ ފިއްތުންތަކެއް ކަމަށް ތުހުމަތު ކުރަށްވަމުންނެވެ.

އެހެންކަމުން މިހާލަތުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ އޭނާ ހެލްތު މިނިސްޓަރގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އަމީން ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވެއެވެ. މީގެއިތުރުން އަމީންގެ ސިޓީގައި ހެލްތު މިނިސްޓަރެއްގެ ހައިސިއްޔަތުން ކޯވިޑްގެ ހާލަތުގައި ކުރެއްވުނު މަސައްކަތްތަކާއިމެދު ހިތްހަމަ ޖެހިވަޑައިގަންނަވާކަން ހާމަ ކުރަށްވައި މިހާލަތުގައި ސިއްހީ ދާއިރާގެ ބޭފުޅުން ކުރަށްވާ މިންނެތް މަސައްކަތް ފާހަގަކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން