މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ގަވާއިދާ ޚިލާފުވި މައްސަލައިގައި އޭސީސީ އާއި ޕީޖީ އާއި ދެމެދު ޚިލާފު އުފެދިފައިވާތީ އެކަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބަލަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވީ ނަމަވެސް، އެކަމުގައި ތުހުމަތުކުރެވޭ 11 ފަރާތަކަށް ދައުވާ އުފުލޭނެ މިންވަރަށް ހެކި ނެތް ކަމަށް ނިއްމައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ. މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތް މިނިސްޓަރު އަބުދު ﷲ އަމީނަށް އިތުބާރުނެތް ކަމުގެ މައްސަލަ 26 މެންބަރުންގެ ސޮޔާއެކު ރޭގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅަފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައިގެ ނޯޓިސް ފޮނުވި ފަހުން، އަމީން ރޭ ދަންވަރުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަމީން އިސްތިއުފާ ދެއްވާފައިވާތީ، އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، ވެންޓިލޭޓަރު ހޯދުމުގައި ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޕީޖީ އޮފީހާއި އޭސީސީ އާދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް މަޖިލީހުން ބަލަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިގޮތުން، ފުލުހުންނާއި އޭސީސީ ގުޅިގެން ކުރި ތަހުގީގުގައި ޕީޖީ އޮފީހާ ދެމެދު ހިލާފު އުފެދިފައިވާތީ، އެކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބެލުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ހޯދައި، ހައްގު އަދަބު ދެވި، ދައުލަތަށް ހޯދަންޖެހޭ ފައިސާ އަނބުރާ ހޯދައި، އެ މައްސަލަ ނިމެންދެން މި މަޖިލިސް ފާރަވެރިކަމާއެކު އޮތުމަކީ މަޖިލީހުގެ ގާނޫނީ ޒިންމާއެއް." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމާއި މަޝްވަރާ ކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަމީންގެ ސިޓީގައި ވިދާޅުވީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށް އަމީންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

"މަނިކުފާނާއި ( ރައީސް އިބްރާހީމާ ) ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރާތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތުގެ މަގާމުން އިސްތިއުފާ ދިފީމެވެ." އަމީންގެ އިސްތިއުފާގެ ސިޓީގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން