ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އަތްޕުޅުގައި ހުރި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލުވާންގެ މައްސަލައާއި ގުޅުން ހުރި ހެކިތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންދިޔަކަމަށް ވިދާޅުވެ ރިލުވާންގެ މައްސަލައިގައި މުޅިން އާ ވާހަކަތަކެއް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިލްވާން ގެއްލުނު މައްސަލައިގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، އޭނާގެ އަތްޕުޅުގައި ހުރި ހެކިތަކެއް ފުލުހުން ގެންދިޔައީ 2015 ވަނަ އަހަރުގެ މޭ ޑޭގައި އޭރުގެ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރުމަށް ފަހު ކަމަށެވެ.

ރިލްވާންގެ މައްސަލަ އާއި ގުޅުން ހުރި ހެކިތައް ފުލުހުން އޭރު ނަގާފައިވާ ކަމަށާއި، އެ ހެކިތައް ނެގި ފުލުހުން ހޯދުމަށް ކުރަން ޖެހޭނީ ތަހުގީގެއް ކަމަށް އިމްރާން ވިދާޅުވިއެވެ. މިހާރު ވެސް ރިލްވާން މައްސަލައިގެ އެތައް ތަހުގީގުތަކެއް ކުރިއަށް ދާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އޭރުގަ ( މޭޑޭގެ މުޒާހަރާގެ ތެރެއިން ޔާމިންގެ ވެރިކަމުގައި ) ފުލުހުންގެ ތެރެއިން އެ ގެންދިޔަ ބައެއްގެ އަތުގައި އެ އެއްޗެހި ވާން ވާނެ. ދެން އަޅުގަނޑު ޖެހޭނީ އަނެއްކާ ވެސް ތަހުގީގެއް ފަށަން ކޮން ފުލުހުންނެއްތޯ އަޅުގަނޑު ހައްޔަރު ކުރަން އައީ، ކޮން ބޭފުޅެއްތޯ އެ ގެންދިޔައީ. ދެން އަޅުގަނޑަށް އަދި އެ ތަހުގީގާއި ހަމަޔަކަށް ނުދެވޭ. އެއަށް ވުރެ މާގިނަ ތަހުގީގުތަކެއް މިހާރު ވެސް ކުރަންޖެހޭ." މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޓެރަރިޒަމް ކުށް ސާބިތުވެ ޖަލުގެ ހުކުމެއް ތަންފީޒުކުރެއްވި އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަަކަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިމްރާން ވާހަކަތަކުން، ގަދަ ބާރުން ހެކި ނައްތާލާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

"ތިވިދާޅުވި ކަމާ ގުޅޭގޮތުން ހުރިހާ ހެއްކެއް ގަދަ ބާރުން އަރައިގަނެ ނައްތާލާފައިވާ ކަމަށް ފާހަގަމިވީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގެއްލުވާލިތާ މިހާރު ވަނީ ހަ އަހަރު ވެފަ އެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ދުވަހު އުފެއްދެވި ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން