އިންޓަނޭޝަނަލް މަނިޓަރީ ފަންޑް
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް
މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމަކަށް އައި ނަމަވެސް، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅުވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

އައިއެމްއެފް އިން މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެއް އިންސައްތައަށް މަޑުޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިގުތިސާދު މެދު ރާސްތާގައި ކުރިއެރުން ގާތްގަނޑަކަށް ހަތަރު އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް އެ އިދާރާއިން ލަފާ ކޮށްފައިވެއެވެ.

އައިއެމްއެފުން ބުނީ، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރުގެ ދަރަނިތައް ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އިމްޕޯޓަށް ކުރާ ހޭދަ އިތުރުވެ، ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވަމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ ބަޖެޓްގެ ޑެފިސިޓާއި އާންމު ދަރަނި އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައިކަން އައިއެމްއެފުން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް މިއީ ރާއްޖެއަށް "ހިންދެމިލެވެން" އޮތް ވަގުތެއް ނޫން ކަމަށްވެސް އައިއެމްއެފުން ބުނެފައިވެއެވެ. އެހެންކަމުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް އެއިދާރާއިން ވަނީ ލަފާދީފައެވެ.

އައިއެމްއެފުން ހުށަހަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ސަބްސިޑީ މުރާޖައާކުރުން ހިމެނެއެވެ. އެގޮތުން މުއްސަނދިންނާއި ފަގީރުންނަށް ހަމަހަމަޔަށް ދެމުން އަންނަ ސަބްސިޑީތައް ހުއްޓާލައި، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށް ސަބްސިޑީ ދޭން ފެށުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހުކޮށް، ދައުލަތަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމުގެ އިތުރުން، ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން އިތުރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފްއިން ވަނީ މަރުހަބާ ކިޔާފައެވެ. އައިއެމްއެފްއިން ބުނީ، ސިޔާސީ ގޮތުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ކަމުގައިވީ ނަމަވެސް، މުޅި ގައުމުގެ ފައިދާއަށްޓަކައި އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުން މިވަގުތަށް މަޖުބޫރު ކަމަށެވެ.

އައިއެމްއެފުން ބުނީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާން ޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު